English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ކައުންސިލް

ލާމަރުކަޒީ ޤާނޫނުގެ ދަށުން 30 ނޮވެމްބަރު 2021 ގައި ކައުންސިލްތަކުން އެލްޖީއޭއަށް ހުށަހަޅަންޖެހޭ ރަށު ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރިޔަން ޕްރައިވެޓް ލިމިޓެޑް އިން މިހެން ބުނެފައިވަނީ އައްޑޫ ސިޓީ މޭޔަރާއި ހަވާލާދެއްވާ، އައްޑޫ ލައިވް އަދި ރާއްޖެ އެމްވީގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ރިޔަން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އައްޑޫ ތަރައްޤީގެ ޕްލޭން ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާތާ މިހާރު ގާތް ގަނޑަކަށް އަހަރަކާއި ގާތްވެފައިވާކަމަށާއި މަސައްކަތްތައް އަވަސްކުރުމަށް ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި އާދޭސްކޮށްފައިވާނެ ކަމަށާއި، މިހާރު ރިއަން އާއި ވާހަކަދައްކަމުން ދަނީ އެންމެ ފަހުގެ ވާހަކަތައް ކަމަށާއި އިތުރަށް އާދޭސްކުރުމަށް ތިބުމުގެ ވިސްނުމެއް ނެތްކަމާއި މީގެ އިތުރުން އްޑޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ރިޔަން އާއި ހަވާލުކޮށްފައިވާ ކަމަށް ދޭހަވާގޮތަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިކަމަށް ބަޔާންކޮށްފައިވާތީ އެ ކަން އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ،

އެ ކުންފުނިން ބުނީ ރިޔަން އާއި ހަވާލުކުރެވިފައިވަނީ އައްޑޫސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓރ ޕްލޭން ހެދުމާއި އަދި އައްޑޫސިޓީގެ ލޭންޑްޔޫޒް ޕްލޭން ރިވިއުކުރުމުގެ މަސައްކަތްކަމަށެވެ. ލޭންޑްއޫސް ޕްލޭން ހެދުމާއި މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ލަސްވެގެންދާ މައިގަނޑު ސަބަބަކީ އައްޑޫ ސިޓީގެ އެންމެފަހުގެ ބިމުގެ ސާވޭ މެޕްތައް ކައުންސިލުން ފައިނަލްކޮށް މިއަދާ ހަމައަށްވެސް އެ ކުންފުންޏާ ހަވާލުކޮށްފައި ނުވާތީކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭނީ ސާރވޭ މެޕްތައް ލިބޭތާ 3.5 މަސްދުވަހުގެ ތެރޭގައި ކަން ފާހަގަކޮށް ރިޔަން އިން ބުނީ މިކަން ތަކުރާރުކޮށް އެކި ފަހަރުމަތިން ކައުންސިލަށް ދަންނަވާފައި ވާނެކަމަށެވެ. އަދި މިކަން ކުރަންޖެހޭ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލް ކަމާއި މިއީ އެ ކުންފުނިން ކުރަންޖެހޭނެ މަސައްކަތެއް ނޫންކަމަށް ރިޔަން އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ ސަސްޓެއިނަބަލް އާރބަން ޑިވެލޮޕްމަންޓް މާސްޓރ ޕްލޭން އެކުލަވާލުމާއި އަދި އައްޑޫސިޓީގެ ލޭންޑްޔޫޒް ޕްލޭން ރިވިއުކުރުމުގެ މަސައްކަތަށް 1 އެޕްރީލް 2021 ގައި ގެނައި އިޞްލާޙުގެ 4 ވަނަ މާއްދާގެ (ރ) ގައި މަސައްކަތް ކުރިއަށް ގެންދިއުމުގައި، “ކޮންޑިޝަން ޕްރެސިޑެންޓް” ނުވަތަ އިސްވެ ހިންގަންޖެހޭ ވަކި ކަމަކާ މަތިކޮށް ޝަރުޠުކުރުން ކަނޑައަޅާފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންޑިޝަން ޕްރެސިޑެންޓް، އައްޑޫ ސިޓީ ކައުންސިލުން ފުރިހަމަ ނުކޮށް، އޭގެ ބަދުނާމު އެ ކުންފުނީގައި އަޅުވާތީ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔަންއަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ފާއިތުވެދިޔަ 24 އަހަރު ތެރޭގައި ކާމިޔާބުކަމާއެކު އެތަކެއް ފަންނީ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންގެންދާ ކުންފުންޏެއްކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ އަދި ނޫސްތަކުގައި މޭޔަރު ވިދާޅުވިކަމަށް ލިޔެފައިވާ ވާހަކަތަކަކީ އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ހައްޤުތައް ގެއްލި ވިޔަފާރިއަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއީ، އެ ކުންފުނި ބަދުނާމުވެ ކުންފުންޏާ މެދު މީހުންގެ އިތުބާރު ގެއްލޭފަދަ ކަމަކަށް ވާތީވެ އެކަން ކުންފުނީގެ ފަރާތުން ކުށްވެރިކުރާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ، އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ މޭޔަރުގެ ހައިސިއްޔަތުން ކަންކަމަށް ޖަވާބުދާރީވުމާއި ނޫސްތަކަށް ޚަބަރު ދެއްވުމަކީ ވަރަށް ޒިންމާދާރު ކަމާއިއެކު
ކުރައްވަންޖެހޭ ކަމެއް ކަމަށް މިކުންފުނިން ދެކޭކަމަށެވެ. އަދި ޢާންމު އުޞޫލެއްގެ ގޮތުން ޠަބީޢީ ޝަޚްޞުންނާއި ޤާނޫނީ ޝަޚްޞުންނަކީ ދަޢުވާކޮށް އަދި ދަޢުވާ ރައްދުކުރެވޭނެ ބައެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރިޔަންގެ މި ވާހަކަތަކާއި ގުޅިގެން އަދި އައްޑޫ ސިޓީ ކައުންސިލުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އަލަށް އިންތިހާބުކުރެވޭ ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭން 06 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އިރު މިފަހަރަ ކައުންސިލަރުން އިންތިހާބުވި ދުވަސްވަރުވެސް ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މި މަސައްކަތް ފުރިހަމަ ކުރުމުގެ މުއްދަތު ލޯކަލް ގަވާމެންޓް އޮތޯރިޓީއިން ވަނީ އިތުރު ކޮށް ދީފައެވެ.