English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކެއާ/ ފޮޓޯ: ކައުންސިލް

އައްޑޫސިޓީގެ މީހުން ދިރިއުޅޭ އެއްވެސް އަވަށެއްގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހިދުމަތް ލިބެން ނެތްކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

މިއަދު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ މިވަގުތު އައްޑޫސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ތެލުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކުން ކަމަށެވެ. މީގެ ކުރިން އެފްއެސްއެމް އިން އަގުހެޔޮކޮށް ތެޔޮ ސަޕްލައި ކުރަމުން އައި ނަމަވެސް، މިހާރު އެ އިންތިޒާމު ބަދަލުވެ، ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

  • އެފްއެސްއެމް އިން ޕެޓްރޯލް ލީޓަރެއް 18.56 ރުފިޔާ އަދި ޑީސެލް ލީޓަރެއް 18.68 ރުފިޔާ
  • އައްޑޫސިޓީގެ އަމިއްލަ ކުންފުނިތަކުގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 24.22 ރުފިޔާ އަށް އަދި ޑީސެލް ލީޓަރެއް 31.34 ރުފިޔާއަށް

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަމިއްލަ ކުންފުނިތަކުންވެސް އެފްއެސްއެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމަށެވެ. އަދި މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫސިޓީގެ ރައްޔިތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އައްޑޫސިޓީ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ވަރަށް ދުވަސްވެ ބާވެފައިވާ މެޝިނަކަށް ވުމުގެ ސަބަބުން، ހިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިއޫގައި ތިބެންޖެހޭކަމުގެ ޝަކުވާ ލިބެމުން ދާކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. މިއީ ރައްޔިތުންގެ ވަގުތު ގެއްލި، ދިރިއުޅުމުގެ އާންމު ހާލަތަށް މީގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެއްކަން ފާހަގަކޮށް ކައުންސިލުން ވަނީ އައްޑޫސިޓީގެ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި މީގެ ކުރިންވެސް އޮތް އުސޫލުން ވީހާވެސް އަވަހަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދިނުމަށް ސިޓީ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.