English Edition
Dhivehi Edition
އައްޑޫސިޓީގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން: ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރޯދަ ކާނިވަލްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ އިތުރު ފަރާތްތަކަށް ފުރުސަތު ދޭން ބޭނުންވާތީވެ، ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ގޫގުލް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ކާނިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 01 އިން ފެބްރުއަރީ 15 އަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ކަމަށެވެ.

މި ބާޒާރުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކާއި، ވިޔަފާރި ރެޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލައަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލުން ބުނީ މި ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ކޮށްފައިވާ ތަކެތި ކަމަށެވެ.

މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 10 ފޫޓް 10 ފޫޓްގެ ސްޓޯލެއް ދިނުމަށް ހަމަޖެހިފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ބުނީ 15 ދުވަހުގެ މުއްދަތަށް ހިންގޭ މި ބާޒާރުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1500 ރުފިޔާ ފީއެއް ދައްކަން ޖެހޭ ކަމަށެވެ.