އައްޑޫ ސިޓީ ކައުންސިލުން ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ 11 ބިމަކަށް، އެއްވެސް އިއުލާނެއް ކުރުމަކާ ނުލައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބިން އިތުރުކޮށްދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އައްޑޫގެ ތިން އަވަށަކުން ދޫކޮށްފައިވާ މި ބިންތަކުގެ ސައިޒަށް ބަދަލު ގެނެސްފައިވަނީ ވަކި ފަރާތްތަކަކަށް މަންފާ ލިބޭ ގޮތަށެވެ. މީގެ ސަބަބުން ޓޫރިޒަމް ބޭނުމަށް ބިން ހޯދުމަށް ޝައުގުވެރިވާ އެހެން ފަރާތްތަކަށް އޮތް ހަމަހަމަ ފުރުސަތު ގެއްލިގެން ގޮސްފައިވާ ކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.
އޮޑިޓްގައިވާ ގޮތުން، ސ. ފޭދޫ، ސ. މީދޫ އަދި ސ. ހިތަދޫގެ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބައެއް ބިންތަކުގެ ހެޑް ލީޒް އަދި ޑިވެލޮޕްކުރުމުގެ ހައްގުތައް އެހެން ފަރާތްތަކަށް ބަދަލުކޮށްފައިވާއިރު، އެ ބިންތަކަށް އިއުލާނު ކުރުމެއް ނެތި ޖުމުލަ 166,340 އަކަފޫޓުގެ ބިން ވަނީ އިތުރުކޮށްދީފައެވެ. މިގޮތުން ފޭދޫއިން ދޫކުރި 29,000 އަކަފޫޓުގެ ބިންތަކަށް 134,945 އަކަފޫޓު އިތުރުކޮށް، ޖުމުލަ 163,945 އަކަފޫޓަށް ބޮޑުކޮށްފައިވެއެވެ. އަދި މީދޫއިން ދޫކޮށްފައިވާ 17,000 އަކަފޫޓުގެ ބިންތަކަށް 27,595 އަކަފޫޓު އިތުރުކޮށް، ޖުމުލަ 44,595 އަކަފޫޓަށް ވަނީ ބަދަލުކޮށްފައެވެ.
މި ބިންތަކުގެ ހެޑް ލީޒް ބަދަލުކުރިއިރު، ކުރީގެ ފަރާތްތަކުން ދައްކަންޖެހޭ ބިމުކުލީގެ ބޮޑު އަދަދެއް ނުދައްކާ ހުރިކަން ވެސް އޮޑިޓުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފޭދޫގެ ބިންތަކުން 244,481 ރުފިޔާ އަދި މީދޫގެ ބިންތަކުން 194,816 ރުފިޔާއާ އެކު ޖުމުލަ 439,297 ރުފިޔާ ދައުލަތަށް ނުދައްކާ އޮތްއިރު، ކައުންސިލުން ހެދި އާ އެއްބަސްވުންތަކުގައި މި ފައިސާ ހޯދުމާ ގޮތުން އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރު ދޫކޮށްފައިވާ 3000 އަކަފޫޓުގެ ބިމަކަށް، ޕޫލެއް ހެދުމަށްޓަކައި އިތުރު 2000 އަކަފޫޓު ދިނުމަށް ކައުންސިލުން ނިންމާފައިވާކަން އޮޑިޓުން ފާހަގަކުރިއެވެ. އަދި 15 ކޮޓަރީގެ ގެސްޓް ހައުސްއެއް އެޅުމަށް ދޫކޮށްފައިވާ 1800 އަކަފޫޓުގެ ބިމެއް، ހަތަރު ފަންގިފިލާއަށް އިމާރާތް ބަދަލުކުރުމަށް އެދުމުން، އެ ބިމަށްވެސް އިތުރު 1800 އަކަފޫޓު އިއުލާނު ކުރުމަކާ ނުލައި އިތުރުކޮށްދީފައިވާކަން 2024 ވަނަ އަހަރުގެ ކައުންސިލް ޖަލްސާގެ ނިންމުންތަކުން އެނގެން އޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.