English Edition
Dhivehi Edition
އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު/ފޮޓޯ އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށާއި ރާވާފައިވާ ޕްލޭންތަކަށް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުލިބޭތީ، އެކަމުގެ ތަފްސީލީ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށްޓަކައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މީޑިއާތަކަށް ފޮނުވާފައިވާ ދައުވަތުގައިވާ ގޮތުން، މި ނޫސް ކޮންފަރެންސް އޮންނާނީ 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

މި ބައްދަލުވުމުގައި ވީހާވެސް ގިނަ މީޑިއާތަކުން ބައިވެރިވުމަށް ކައުންސިލުން އެދިފައިވާއިރު، ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ މީޑިއާތަކަށް ގޫގުލް މީޓް ލިންކު މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި މި ނޫސް ކޮންފަރެންސް އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލް ފޭސްބުކް ޕޭޖުން ވަގުތުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ތަރައްޤީގެ އެކި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލާއި ސަރުކާރާ ދެމެދު ހުރި ކަންބޮޑުވުންތަކުގެ ތަފްސީލު މި ނޫސް ކޮންފަރެންސްގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.