“އޮޓޯ ރިކްޝޯ” އަދި “އޮޓޯ” އަށް, ގަވާއިދަށް ގެނެވުނު އިސްލާހުން ހުއްދައެއް ނުދެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ 15 ޖުލައި 2021 ގައި ގެޒެޓްކޮށް އަމަލުކުރަމުންދާ ގަވާއިދުނަންބަރު 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) ގެ 14 ވަނަމާއްދާގައި ބަޔާންކޮށްފައިވަނީ ލައިސަންސްގެ ކެޓަގަރީތައް ކަމަށެވެ.
މި ކެޓަގަރީތަކުގައި B3 B4 C3 އަދި C4 އުޅަނދު ބަޔާންކޮށްފައި ވުމާއި މި އުޅަނދުތަކުގެ ކެޓަގަރީތައް ރަޖިސްޓްރޭޝަން ގަވާއިދުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ 3 ފުރޮޅުލީ މީހުން އުފުލާ “ބަގީ” ތަކާއި ރަށު ޕިކަޕް ރަޖިސްޓަރީ ކުރުމުގައި ދަތިތައް ދިޔައީ ކުރިމަތިވަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
“ލައިސަންސްއިން ގަވާއިދުގައި B3 ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3 މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 ފުރޮޅުލީ އުޅަނދެވެ. އެގޮތުން މި އުޅަނދުތަކަކީ މިހާރުވެސް މީހުން އުފުލާ “ބަގީ” ގެ ގޮތުގައި ފަސިންޖަރުން އުފުލުމަށް ރާއްޖޭގެ ރިޒޯޓުތަކުގައާއި ބައެއް ރަށްރަށުގައި ބޭނުންކުރާ އުޅަނދުތަކެވެ.” ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މި ގަވާއިދަށް މި ގެނެވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ލައިސަންސް ކެޓަގަރީގައި މިދެންނެވި 3 ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު، މި އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެގޮތަށް ކެޓަގަރައިޒު ކުރުން ކަމަށް ވެސް ބުންނެވެ. އަދި މިކަން މިގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަން ގަވާއިދާއި ފުށުއެރުންތައް ހުރުމާއި 3 ފުރޮޅުލީ މީހުން އުފުލާ “ބަގީ” އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުގައި ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެހެންމެ ގަވާއިދުން 3 ފުރޮޅުލީ “ބަގީ” ތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުންދާ މިފަދަ އުޅަނދުތައް ވަނީ ރަޖިސްޓަރީ ނުކުރެވި ކަމަށާއި މިގެނެވުނު ބަދަލާއެކު މިކަމަށް ހައްލެއް ގެނެވިގެން ދާނެ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ގަރާޖުގެ ގޮތުގައި ޕާމިޓު ދޫކުރަމުންދާނީ 4 ފުރޮޅު ލީ އުޅަނދު ފަހަރަށް ކަމަށާއި މިހާރު މިނިސްޓްރީން އުޅަނދުތައް ރަޖިސްޓަރީ ކުރާއިރު، އެ އުޅަނދުގެ ފޮޓޯ ބަލައި އެ އުޅަނދަކީ ކޮންކަހަލަ އުޅަނދެއްކަން ޔަގީން ކުރަމުންދާ ކަމަށެވެ.
އެހެންކަމުން “އޮޓޯ ރިކްޝޯ” އަދި “އޮޓޯ” ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނެތް ކަމަށާއި 3 ފުރޮޅުލީ އުޅަނދުގެ ގޮތުގައި “އޮޓޯ ރިކްޝޯ” އަދި “އޮޓޯ” ގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ކުރިޔަށް އޮތްތާގައިވެސް މި ދެންނެވި ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަކުރެވިގެން ނުދާނެ ކަމަށެވެ.