English Edition
Dhivehi Edition

ބައެއް އަންހެން ކަނބަލުން ކަންކަމާއި ކުރިމަތިލާއިރު، އެހީވާނެ ފަރާތްތައް ވަރަށް މަދުކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީން (ޖޭޕީ) އިން ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މިއީ ސިޔާސީ މަސައްކަތެއް ނޫންކަމަށެވެ. އަދި މިއީ އަންހެނުންގެ މުހިންމުކަން ހާމަކުރުމަށް ބޭއްވި ހަފްލާއެއް ކަމަށެވެ.

އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާއި ކުރިމަތިވާ ކަމަށާއި އެހެންނަމަވެސް، ގޮތްދޫނުކުރައްވާ، ފޯރިިއާއެކު ނިކުންނަވައިފިނަމަ ކާމިޔާބުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ނަހުލާ ވަނީ، ކޮންމެ ފިކުރެއްގެ ބަޔަކުކަމުގައި ވިޔަސް އަދި ކޮންމެ އެންޖީއޯއެއްވިއަސް، ކޮންމެ މުއައްސަސާއެއްވިއަސް، އަންހެނުން ކުރިއަރުވައި، ބާރުވެރިކުރުވުމަށް ކުރާ ކަންކަމުގައި އެއްބާރުލުންދެއްވުމަށް އެންމެހާ ކަނބަލުންގެ ކިބައިން އެދިލައްވާފަ އެވެ.

އެކިއެކި އުމުފުރާގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވި މި ހަފްލާ ނިންމާލާފައިވަނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން ތައްރާރުކުރި ކޭކު ފެޅުމަކުން ނެވެ.