English Edition
Dhivehi Edition
މާލޭގައި ބަރު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ކަނޑައެޅުން

މާލެ ސަރަހައްދުގައި 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ނުދުއްވޭނެ ހާއްސަ ގަޑިތަކެއް އިކޮނޮމިކް މިނިސްޓްރީއާއި ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައި، މި އަމުރާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަން މިއަދު އިއުލާނުކޮށްފި އެވެ. މިގޮތަށް ނިންމީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން ކަމަށް އެ އޮފީހުން ބުންޏެވެ.

މިނިސްޓްރީން ބުނީ، 350 ކިލޯއަށްވުރެ ބަރު އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލާ ފަދަ ބަރު އުޅަނދުފަހަރަށް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި، ހުޅުމާލޭގެ މަގުތައް އަދި ބްރިޖާއި ހައިވޭގައި ހެނދުނު 6:00 އިން 8:30 އަށް ދުއްވުން މުޅިން މަނާވާނެ ކަމަށެވެ. މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް ވެސް އެފަދަ އުޅަނދުތައް ދުއްވުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކާ ދިމާކޮށް ސްކޫލްތައް ހުންނަ ސަރަހައްދުތަކުގައި 350 ކިލޯއަށްވުރެ ބަރު އެއްވެސް އުޅަނދެއް ދުއްވުމާއި، އެފަދަ އުޅަނދުތަކުގައި މުދާ އުފުލުން ވެސް ވަނީ މުޅިން މަނާކޮށްފަ އެވެ.

މިނިސްޓްރީން ވަނީ ކަނޑައެޅިފައިވާ މަނާ ގަޑިތަކަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އިހުތިރާމްކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އިއުލާނާ ހިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ބަރު އުޅަނދުތައް ދުއްވާ ގަޑިތަކާއި މުދާ އުފުލުން މަނާ ވަގުތުތައް ކަނޑައެޅުމަށްޓަކައި ވިޔަފާރިވެރިންނާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. މި ނިންމުމުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެ، ހާދިސާތައް މަދުކުރެވޭނެ ކަމަށް ބެލެވެ އެވެ.