English Edition
Dhivehi Edition

އަގުބޮޑުކޮށް ޓެކްސީ ޚިދުމަތްދީގެން ހުށަހެޅި 57 މައްސަލަ ދިރާސާކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިޔުމުން ކުރެއްވި ސުވާލަށް، ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ރިޔާޒު ސުވާލު ކުރައްވާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ އަދި ހުޅުމާލެއިން ޓެކްސީގެ ޚިދުމަތް ހޯދަން ދަތިވެގެން އެކަމުގެ ޝަކުވާ ލިބެމުން އަންނަކަމަށާއި މިހާރަށްވުރެ ފަސޭހަކަމާއެކީ މާލޭގައި ޓެކްސީ ޚިދުމަތް، ނުވަތަ ދަތުރުތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ކަމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ އަގުބޮޑުކޮށް ޓެކްސީ ޚިދުމަތް ދީގެން 15 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ގަވައިދާ ޚިލާފުވާ ޑްރައިވަރުންގެ ބަޔާން ނަގައި، އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަން ޓެކްސީ ސެންޓަރުތަކަށް އަންގާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީތަކަށް ކަނޑައަޅާފައިވާ އަގުތައް:

  • މާލެ / ހުޅުމާލެ ފުރަތަމަ ފިޔަވަހި / ދެވަނަ ފިޔަވަހި (އެތެރޭގެ ދަތުރުތަކަށް): 25ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެމެދު ކުރާ ދަތުރުތަކަށް: 40ރ
  • މާލެ / ހުޅުމާލެ އާއި އެއަރޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް: 60ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު، އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއަރޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް: 75ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް: 90ރ

ޓެކްސީ ސެންޓަރުތަކުން ފާސްކޮށްފައިވާ އަގުތައް؛

  • މާލޭގެ އެތެރޭގެ ދަތުރުތައް: 30ރ
  • ހުޅުމާލޭގެ ދެ ފިޔަވަހީގެ އެތެރޭގެ ދަތުރުތައް: 25ރ
  • ހުޅުމާލެ ދެ ފިޔަވަހި ދެމެދު ކުރާ ދަތުރުތައް: 40ރ
  • .މާލެ ނުވަތަ ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތައް: 80ރ
  • މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތައް: 120ރ
  • މާލެ ނުވަތަ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ސީޕްލޭން ޓަރމިނަލާ ދެމެދު ކުރާ ދަތުރުތައް: 100ރ
  • ހުޅުމާލެ ދެވަނަ ފިޔަވައްސާއި ސީޕްލޭން ޓަރމިނަލާ ދެމެދު ކުރާ ދަތުރުތައް: 120ރ

މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގެއް ނުނެގުމަށާއި ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.