English Edition
Dhivehi Edition
އިދިކޮޅު ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު އައުޒަމް (ވަން އޮންލައިން)

ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، މި ބަޖެޓާއެކު ދިވެހިރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރުއޮތްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާއެވެ، މި ބަޖަޓަކީ ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލު ހިމަނައިގެން ފާސްކޮށްފައިވާ ބަޖެޓެކެވެ. ޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓް ފާސްކޮށްފައިވަނީ ޖުމްލަ 64 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 08 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އިދިކޮޅު މެމްބަރުން މި ބަޖެޓަށް ވޯޓު ދެއްވާފައެއް ނުވެއެވެ،

މިއަދު ފާސްކުރި ބަޖެޓާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ މި ބަޖެޓަަކީ އަންނާން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއްކަމަށެވެ. “ސަރުކާރުން މިހާ ޒިއްމާދާރުކަން ކުޑަ ގޮތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިގްތިސާދު ފުނޑާލުމަކީ އަޑި ނޭނގޭ ގޮތަށް ސިއްރުން، އެހުމެއް، ކެހުމެއް ނެތި، ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް” މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ މި ބަޖެޓަކީ ރައްޔިތުން ނިކަމެތި ކޮށްލުމަށްފަހު 2023 ގެ ރިޔާސީ އިންތިޚާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއްކަން ފާހަގަކޮށްފައެވެ. އިތުރަށް މި ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ހަރަދު ކުރުމަށް ރާވާފައިވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކަށް ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ،