ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އެކަމަށް ހުރަސް އަޅާނެ މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންފޭދޫ އަދި ހިތަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ ގޮތުން، ސިޔާސީ ވިސްނުމެއްގައި، ސިޔާސީ މަގާމެއްގައި ހުރުމަކީ އަސާސެއް ކަމަށް ކަނޑައަޅައިގެން އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށް ކެމްޕެއިންގައި ދަންނަވާފައިވާނެކަމަށެވެ.
“އެހެންވީމަ އިންސާފު ލިބި ޖަސްޓިސް ސާވްވުމަކީ މި ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް، އެމަނިފާނަށްވެސް އިންސާފުވެރި ގޮތް، އަޅުގަނޑު އުއްމީދު ކުރަނީ ޖުޑިޝަރީގެ ތެރެއިން އެމަނިކުފާނަށް ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް،”. ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވިސްނުމެއްގައި އަނިޔާވެރި ވުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަދުލުވެރިކަމަކީ އެންމެންނަށް ލިބެން ޖެހޭ އެއްޗެއްކަމުގައި ކުރިންވެސް ދަންނަވާފައިވާނެކަމަށެވެ. މި ސަރުކާރުން އެއްވެސް މީހެއްގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަންމަތީގައި ކަަމަށެވެ.