English Edition
Dhivehi Edition
އަބްދުއް ރަހީމް

ކޮންމެ ރަށަކުން ވެސް އިސްކަންދޭންވީ އެރަކަށް ތަރައްގީ ގެނެވޭނެ ގޮތަކާ މެދު ކަމަށާ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް ޑރ. މުހައްމަދު މުއްއިޒުގެ ސަރުކާރާ އެކު ކުރިއަށް ދިއުންކަމުގައި އެމަނިކުފާނުގެ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް، ތ. ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ ގެނެވެން އޮތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ ޕީއެންސީއަށް ލިބިގެންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ގުރައިދޫގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަކަށް ދެއްވުމަށް އަބްދުއް ރަހީމް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ތަރަައްގީއަށް ހުރަސް އެޅޭ ވިސްނުމަކަށް ޖާގަ ދެވޭ ކަމަށް ވަންޏާ އެ ނިކަމެތިކޮށްލެވެނީ އަމިއްލަ ރަށުގެ ތަރައްގީކަމަށެވެ. އަދި އެ ހުރަސް އެޅެނީ ދަރިންގެ މުސްތަގުބަލަށް ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ. ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރައީސް، އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަމުން ގެންދަވާކަން ފާހަގަކުރައްވަމުން އަބްދު ރަހީމް ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގައި ދިވެހިންގެ ރާއްޖެއަށް ފުރުސަތު ހޯދައިދީފިނަމަ ރައީސް މުއިއްޒު ގައުމަށް ގެންނަން ބޭނުންފުޅުވާ ތަރައްގީ ފަސޭހަކަމާ އެކު ގެނެވޭނެ ކަމަށެވެ.

ރައީސް ބޭނުންފުޅުވާ ތަރައްގީ ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ އޭގެ ތެރޭގައި އިތުރު ގާނޫނުތައް ހެދުމާއި މިހާރު ހުރި ގާނޫނުތަކަށް ބައެއް ބަދަލުތައް ގެނައުން ފަދަ ކަންކަން ހިމެނޭކަމަށެވެ. އަދި އެ މަސައްކަތްތައް ފަސޭހަކަމާ އެކު ކުރެވޭނީ ދިވެހިންގެ ރާއްޖެއަށް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ލިބިގެންކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އޮންނަ ތަނަކަށް ހަދަން ޖެހޭ ކަމަށާއި އެތަނުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ޕީޕީއެމް/ ޕީއެންސީއަށް ފުރުސަތު ދެއްވައިގެންކަމަށް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.