English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެރޭ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ގިނަ އަދެދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމަކީ ފުވައްމުލައް ސިޓީގައި ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ހަދުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ކޮބައިތޯ ބަލާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

އޮންލައިންކޮށްވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ރައްޔިތުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ، މި ގޮތުން މި ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ އެ ސިޓީގައި ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ހަދަން ނުފެންނަކަމަށެވެ. މިހާރުވެސް ފުވައްމުލައް ސިޓީގައި ލޯކަލް ޓޫރިޒަމް އޮތްކަން ފާހަގަކޮށް ބައްދަލުވުމުގެ ބައިވެރިން ވަނީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން، ހެދިފައިވާ ގަވައިދުތަކަށް ބޯލަނބަން ޖެހޭ ކަމަށް ބުނެފައެވެ، އަދި މިހާރުވެސް ރަށަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިންގެ ފަރާތުން ނޭދެވޭ އަމަލުތައް ފެންނަކަމަށާއި ގެސްޓް ހައުސްތަކުން ފަތުރުވެރިންނަށް ގަވައިދުތައް ކިޔައިދޭނަމަ މި ފަދަ ނޭދެވޭ އަމަލުތައް ހުއްޓިގެންދާނެކަމަށް ގިނަ ބަޔަކު ވަނީ ފާހަކޮށްފައެވެ.

މީގެއިތުރުން މި ބައްދަލުވުމުގެ ބައިވެރިން ވަނީ އެންމެ ފުރަތަމަ ބަލަންޖެހޭ އެންމެ މުހިއްމު ކަމަކީ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށް ބީޗެއް ހަދުން މުހިއްމު ތޯއެވެ؟އަދި އެކަމަކީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަން ހާމަކޮށް ގިނަ ބަޔަކު ވަނީ މާފުށިން ލިބުނު ފިލާވަޅުތައް އިބުރަތަކަށް ފުދޭ ކަމަށެވެ.

ފުވައްމުލައް ސިޓީއަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ސިޓީއަކަށްވީ ހިދު އެ ރަށުގައި މި ވިޔަފާރި ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްތަކެއް އަންނަނީ ކުރަމުންނެވެ.