English Edition
Dhivehi Edition

ބޮލީވުޑްގެ އެންމެ މަގްބޫލު އަދި އެންމެ ލޯބިން އުޅޭ އެއް ޖޯޑުކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް ވަރިވާން އުޅޭކަމުގެ ހަބަރާއެކު އެ ދެތަރިންނަށް ސަޕޯޓްކުރާ ފަރާތްތަކަށް މިވަނީ ބޮޑު ޝޮކެއް ލިބިފައެވެ.

މިދިޔަ ހޯމަ ދުވަހު ހަވީރު، ޕްރިޔަންކާގެ އިންސްޓަގްރާމުގައި ޖަހާފަައިވާ ނަމުން ޖޯނަސްގެ ނަން ކަނޑާލުމާއިއެކު މުޅި ސޯޝަަލް މީޑިއާގައި މިވަނީ އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެން ފަށާފައެވެ. މީގެ ކުރިން ނަމުގައި އޭނާ ޖަހާފައި އިންނަނީ ޕްރިޔަންކާ ޗޯޕްރާ ޖޮނަސް އެވެ. އެހެންނަމަވެސް މިހާރު އޭނާގެ އިންސްޓަގްރާމްގެ ނަމަކަށް އޮތީ ހަމައެކަނީ ޕްރިޔަންކާ ޗޮޕްރާއެވެ، އަދި ޔޫސަ ނޭމަކަށް އިންސްޓަގްރާމުގައި މިހާރު އިންނީ ޕްރިޔަންކާ އެކަންޏެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމްގެ ނަމަށް ގެނައި މި ބަދަލާއެކު ގިނަ ބަޔަކުވަނީ އޭނާ އާއި ޖޯނަސް މައްސަލަޖެހި ވަކިވާން އުޅެނީތޯ ސުވާލުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މިއީ ހަމައެކަނި ނަން ބަދަލުކުރުމުގެ ގޮތުން ކުރިކަމެއްތޯވެސް ސުވާލުކޮށްފައެވެ.

ގިނަ ބައެއްގެ މި ސުވާލުތަކަށް އަދި މިހާތަނަށް މި ދެތަރިންވެސް އެއްވެސް ޖަވާބެއްދީފައި ނުވާއިރު ޕްރިޔަންކާގެ ގާތް ފަރާތަކުން ބުނީ މިއީ ހުސް ވާހަކަތަކެއް ކަމަށެވެ. އަދި ޕްރިޔަންކާގެ ނަމުން ޖޯނަސް އާއި ޗޯޕްރާވެސް ކަނޑާފައިވާކަމަށާއި މިހާރު އިނީ ހަމައެކަނި ޕަރިޔަންކާ ކަަމަށެވެ. މީގެ އިތުރުން އެ ފަރާތުން ބުނީ މީހުން މާ އަވަހަށް ‘އޯވާ ރިއެޓް’ ކުރަނީ ކަމަށެވެ. އަދި ނިކް ކައިރިން ޕްރިޔަންކާ ވަރި ވާނަމަ ނަމުގެ ފަހަތުގައިވާ ޗޯޕްރާ ކަނޑާލުމުގެ ބޭނުމަކީ ކޮބައިތޯވެސް އެ ފަރާތުން ވަނީ ސުވާލުކޮށްފައެވެ.

ނިކް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.