English Edition
Dhivehi Edition

ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ, ދީނީ އިލްމާއި ގުރްއާނުގެ އިލްމް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، އިތުރު ކަންތައްތަކެއް ކުރަމުން ގެންދާކަމަށެވެ.

ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަންނަ އަހަރު ފެށިގެން އަންނައިރު، ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ހަރަދުތައް ސަރުކާރުން ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށެވެ.

ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރީތި ރާގުތަކަށް ޤުރްއާން ކިޔެވުމަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ވިދާޅުވެ، ގިނަގިނައިން ގުރުއާން ކިޔެވުމަށް ހިތްވަރުދެއްވާފައެވެ. އިތުރަށް ރައީސް ވިދާޅުވީ ކީރިތި ޤުރްއާނުން އިތުރު ބޭނުންތައް ހިފޭނީ ޢަމަލީ ދިރިއުޅުމުގައި ކީރިތި ޤުރްއާން ތަންފީޒުކުރަން ދަސްކޮށްގެން ކަމަށާއި ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުމުން ކަމުގައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޤުރްއާނާބެހޭ މަރުކަޒު މިހާރަށްވުރެ ފުޅާކޮށް، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

1 ކޮމެންޓް
ހަސަނުގ
ނޮވެމްބަރު 21, 2021
ތިއެއްވެސް ގޮތެއްނޫން. ވަކި ބަޔަކަށް ސަރުކާރުން ދީފަ، އެހެން މީހުނަށް ނުދީ. އަހަރުމެންވެސް ބޭނުން ކިޔަވަން. ލާރި ނެތީ. ތިކަޑައޭ ރައީސް. ވޯޓް ތި ގެއްލުނީ މިހިސާބުން.