English Edition
Dhivehi Edition
ޙާފިޒާ ޢައިޝަތު އާން ރަޝީދު/ފޮޓޯ ރައީސްއޮފީސް

2023 ވަނަ އަހަރާއި މިހިނގާ 2024 ވަނަ އަހަރު އައްޑޫސިޓީގެ 9 މީހަކު ކީރިތި ޤުރްއާން ހިތު ދަސްކޮށް ޙާފިޒްކަމުގެ ސަނަދު ޙާސިލްކޮށްފިއެވެ. މިބޭފުޅުންނަށް ލިއުމާއި ތާޖު ޙަވާލުކޮށްދެއްވީ ރޭ ނިމިގެންދިޔަ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

އައްޑޫސިޓީން ޤުރްއާން ހިތުދަސްކުރި ޙާފިޒުން:

1 ޢަބްދުﷲ ބިންޔާމީން މޫންލައިޓްހިޔާ އައްޑޫސިޓީ

2 ޢަބްދުﷲ ރަޝީދު އަލުވިމާގެ އައްޑޫސިޓީ

3 މުޙައްމަދު ޙަނޫން ޙުސެއިން ފަރުބަދަ ސ.ފޭދޫ

4 ޙަސަން ނަސީރު ޒިއުރިކް އައްޑޫސިޓީ

5 މަރިޔަމް މުޙައްމަދު ދީދީ މުއްތުސަންބާގެ އައްޑޫސިޓީ

6 ފާޠިމަތު ދީދީ ޝެވިލް އައްޑޫސިޓީ

7 ޢާއިޝާ އާން ރަޝީދު މ. ޝޭޑީ ރީޖަން މާލެ

8 އާމިނަތު ލަތީފާ ތިބްރޯޒްގެ އައްޑޫސިޓީ

9 ފާޠިމަތު ނަސީރާ ނިކަގަސްދޮށުގެ އައްޑޫސިޓީ

ޙާފިޒާ ފާތިމަތު ނަސީރާ

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގައި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ޚާއްޞަ ހޭދައެއް ކުރުން ކަމަށާއި، އެކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ ކަމަށެވެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ.” ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުން ގައުމީ ފެންވަރުގައި ބާއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ ރޭ ވިދާޅުވެފައެވެ.

މީގެ ކުރިން ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިނާމު ހަވާލުކުރަނީ ގައުމީ ޤުރުއާން މުބާރާތުގެ ތެރެއިންނެވެ. ޝަހީމް ވިދާޅުވީ އެއީ ޤުރްއާން ހިތުދަސްކުރާ ކުދީންގެ އަދަދު ވެސް މަދުވުމުގެ ސަބަބުން ޢަމަލު ކުރަމުން އައި ގޮތެއްކަމަށާއި އެހެން ނަމަވެސް މިހާރު ޤުރުއާން ހިތުދަސްކުރާ ކުދީންގެ އަދަދު އިތުރުވަމުން އަންނަކަން ޝަހީމް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މިރޭ 32 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ތާޖު ހަވާލުކޮށްދެއްވިކަން ފާހަގަ ކުރައްވަމުން ގައުމީ ޤުރުއާން މުބާރާތް އެއްކޮށް ކުރިޔަށް ގެންދިއުމަކީ އެ ހަރަކާތަށް ވެސް ހައްގު ނުލިބޭނެ ކަމެއްކަމަށް ވިދާޅުވިއެވެ.

“އެހެންވީމާ ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާއަކީ ވަކި ޙަފްލާއެއްގައި ގޮތުގައި ބޭއްވިފައި، ހާފިޒުންގެ ގްރެޖުއޭޝަން އެއީ ވަރަށް ބޮޑު ޤައުމީ އެހެން ޙަފްލާއަކަށް ހެދުމަށް އަޅުގަނޑުމެން ބޭނުންވޭ. ” ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެ ދެ ހަފްލާ ކުރިޔަށް ގެންދާނީ ވަކިވަކިން ކަމަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށް ގޮސްފައިވަނީ ޖޫން މަހުގެ 30އިން ޖުލައި 7އަށެވެ. މި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 992 ބައިވެރީން ވަނީ ކިޔަވައިފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތް ބާއްވައިފައި ވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް، ގެނެވޭން ހުރި ހެޔޮ ބަދަލުތައް ގެނައުމަށް ފަހުގައި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ބަދަލުތަކުގެ ތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމައިލެވޭނެ ގޮތަށް ކިޔެވުން އިންތިޒާމުކުރެވިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މީގެ އިތުރަށް މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ތަށިތައް ވެސް ވަނީ ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކޮށްފައެވެ.