English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މަޝްވަރާ ކުރަން ފަށައިފިއެވެ.

މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި، އިތުރަށް އަޅާނެ ފިޔަވަޅުތަކާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާ ކުރަމުން އަންނަ އިރު އަޅަން މަޝްވަރާ ކުރާ ފިޔަވަޅުތަކާ، ހަރުދަނާ ކުރަން ނިންމާފައިވާ ކަންކަމުގެ ތަފްސީލެއް އަދި އެޗްއީއޯސީ އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރަވަމުން އަންނައިރު، މިހާރު މާލެއަށް ވުރެ ގިނައިން ރާއްޖޭގެ އަތޮޅުތަކުން މީހުން ޕޮޒިޓިވްވާ ނިސްބަތްވަނީ އިތުރުވެފައެވެ، މި ގޮތުން އިއްޔެ އެކަނިވެސް އަތޮޅުތަކުން 124 މީހުން ޕޮޒިޓިވްވެފައިވާއިރު މިވަގުތު 31 ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 89،999 އަށް އަރާފައިވާއިރު މިހާރުވެސް ދެހާހަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުނުކުރެވޭ ކަމަށާއި ޓާސްކްފޯސްތަކާއި ކަމާއި ބެހޭ އިދާރާތަކުން އެކަށީގެން ވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ.