English Edition
Dhivehi Edition

ކަންގަނާ ރަނާވަތު އަކީ އޭނާގެ އަމިއްލަ މަސައްކަތުން ފިލްމީ ދާއިރާގައި ފައި ސާބިތުކޮށްފައިވާ މަދު ފަންނާނުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ބަތަލާއެކެވެ. އޭނާ ކުޅޭ ފިލްމުތަކަށް މީޑިއާގެ ސަމާލުކަން ހުއްޓޭ މިންވަރަށް، އޭނާ ދައްކާ ވާހަކަތަކަށްވެސް މީޑިއާގެ ސަމާލުކަން ހުއްޓެވެ. ބޮލީވުޑްގެ އަނދިރި ފަރާތާއި، ތަރިންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދައްކާ ކަންގަނާ އާއި ރިތިކްގެ ލޯބީގެ ވާހަކައަކީ ވެސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި ވާހަކަތަކެވެ.

ރިތިކް އާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ކަންގަނާ ތަކުރާރުކޮށް ބުނެފައިވާއިރު އެ ދެމީހުން ވަކިވުމަށްފަހު ޖެހުނު މައްސަލަތައް ބޮޑުވެ، ކޯޓް ކޭސްއަކަށްވެސް ވަނީ ގޮސްފައެވެ. އެހެންނަމަވެސް އެންމެ ފަހުން ކަންގަނާ މި ވަނީ ރިތިކް މަތިން ހަނދާން ނައްތާލުމަށް ފަހު މުޅިން އާ ބައިވެރިއަކު ހޯދާފައެވެ.

އިންޑިއާގެ މީޑިއާތަަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކަންގަނާ ބުނީ އޭނާގެ ދިރިއުޅުމުގައި ވެސް ވަރަށް ‘ހާއްސަ’ މީހަކު އެބަހުރިކަމަށެވެ، އެހެންނަމަވެސް އަދި އެ ފަރާތުގެ ނަން ހާމަކުރަން ބޭނުން ނުވާކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އަދި އެމީހަކީ ކާކު ކަން ވަރަށް އަވަހަށް އެގިގެންދާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ފިލްމީ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެމުންދާ ކަންގަނާ ބުނީ އޭނާ ވަރަށް އަވަހަށް ކައިވެނިރިކުރަން ނިންމާފައިވާކަމަށެވެ. ކުރިޔަށް އޮތް ފަސް އަހަރު ތެރޭ ކައިވެނި ކޮށްގެން ދަރިން ހޯދައިގެން ދިރިއުޅުމަކީ އޭނާގެ އުއްމީދެއްކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އަދި މި ފަހަރު ހަގީގަތުގައިވެސް މީހަކު ދެކެ ލޯބިވެވިއްޖެކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ކައިވެންޏަށް ފަހު ކަންގަނާގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ފާހަގަކުރަމުން އޭނާ ބުނީ މީހެއްގެ އަންބަކަށް އަދި ދަރިންތަކެއްގެ މަންމައަކަށް ވާން ވެސް އޭނާ ވަރަށް ބޭނުންވާކަމަށެވެ. އެހެންވެ ކުރިޔަށް އޮތް ތަނުގައި މީހުންނަށް އޭނާ ފެންނާނީ ތަފާތު މީހެއްގެ ގޮތުގައިކަން ކަންގަނާ ވަނީ ފާހަގަކޮށްފައެވެ.

ޓެގު