English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތުގެ ފިލްމު، “ދާކަޑް” އަކީ ބޮޑު ފްލޮޕެއްކަމަށް ބޭރުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފިއެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން “ދާކަޑް” ސިނަމާތަކުގައި އެޅުވިތާ އަށް ވަނައަށްވި ދުވަހު މުޅި އިންޑިއާ އިން ވެސް ވިކުނީ އެންމެ 20 ޓިކެޓެވެ. އެހެންކަމުން އެ ދުވަހު ފިލްމުން ލިބުނީ އެންމެ 4،420 ރުޕީސް ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ ތިން ކްރޯޑެވެ.

މި މަހުގެ ވިހަ ވަނަ ދުވަހު ރިލީޒްކުރި ދާކަޑް އަށް ބޮލީވުޑްގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައިވާއިރު، މި ފިލްމަކީ ކަންގަނާއަށް ރަނގަޅު އިބުރަތެއް ލިބިގެންދާނެ ފިލްމެއްކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ،

މި ގޮތުން ކަންގަނާގެ މި ފިލްމު ނާކާމިޔާބުވުމުގައި އޭނާގެ އަމަލުތައް ވަރަށް ބޮޑު ރޯލެއް ކުޅޭކަމަށް، ގިނަ ބަޔަކު ވަނީ ބުނެފައެވެ، އަބަދުވެސް ބޮލީވުޑްގެ ކޮންމެވެސް ތަރިއަކާއި ޖައްސާލައިގެން އުޅޭ ކަންގަނާގެ ފިލްމު ބެލުމަށް މީހުން މިހާރު ފޫހިވެއްޖެކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.