ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގްނާ ރަނާވަތު އާއި ދެކޮޅަށް އެކްޓަރ ރިތިކް ރޯޝަން ހުށަހެޅި މައްސަލައެއްގެ ބަޔާން ނެގުމަށް އޭނާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
2016 ވަނަ އަހަރު ރިތިކް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މިއަދު އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު އެ މައްސަލައިގައި ބުނެފައި ވަނީ ކޮންމެވެސް މީހަކު އޭނާގެ ނަން ބޭނުން ކޮށްގެން، ފޭކް އީމެއިލް އެކައުންޓެއް ހަދާފައިވާކަމަށެވެ. އަދި އޭނާކަމަށް ހެދިގެން އެ އީމެއިލް އެކައުންޓުން ކަންގްނާ އަށް ހަގީގަތާ ޚިލާފު މެއިލްތަކެއް ކޮށްފައިވާ ކަމަށެވެ.މި މައްސަލައާއި ގުޅިގެން 5 އަހަރު ފަހުން ރިތިކްގެ ބަޔާނެއް ނެގުމަށް ފުލުހުން ނިންމާފައިވަނީ، މިދިޔަ ޑިސެމްބަރު މަހު ރިތިކް އަނެއްކާ ވެސް އެމައްސަލަ ބަލައިދިނުމަށް އެދުމާއި ގުޅިގެންނެވެ.
އިންޑިއާގެ ކްރައިމް ބްރާންޗުން މި މައްސަލައިގެ ތަހުޤީގުތައް ފަށާފައިވާއިރު މީގެ ކުރިން ކަންގަނާ ވަނީ ރިތިކް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށާއި ރިތިކްގެ އާއިލާއިން އޭނާއަށް އެތައް ފަހަރަކު ބިރުދެއްކި ކަމަށް ބުނެފައެވެ.ކަންގަނާ، އޭނާ އާއި ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނަމުން ދިޔަ ނަމަވެސް ރިތިކްވަނީ ފާޅުގައި އެކަމަށް އިންކާރުކޮށްފައެވެ. އަދި އެ ‘ގުޅުމަށް’ ނިމުން އައި ފަހުން ދެމީހުންވެސް ވަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ.
2013ވަނަ އަހަރު ‘ކްރިޝް’ ރިލީޒްވިއިރު ކަންގަނާއާއި ރިތިކްއަށް ވަނީ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. ދެމީހުން ރައްޓެހިވެގެން އުޅުނު އިރު އެކުގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށާއި އަދި އޭރު ރިތިކް ބޮލުގެ އޮޕަރޭޝަނެއްކޮށް އައިސީޔޫގައި އޮށް އިރުވެސް އެ ގުޅުން ކުރިއަށް ދިޔަކަމަށް ކަންގަނާވަނީ މީގެ ކުރިން ބުނެފައެވެ.
ކަންގަނާ ބުނެފައިވަނީ 2013 ވަނަ އަހަރު ޑިސެމްބަރު މަހު ރިތިކްގެ އަބިމީހާ ސުޒެން ހާން ރިތިކް ގާތުން ވަރިވުމުން އެ ގުޅުން އިތުރަށް ބަދެހިވެގެން ދިޔަކަމަށާއި ރިތިކްވަނީ އޭނާއާއި ކައިވެނިކުރުމަށް ވައުދުވެފައިކަމަށެވެ. އަދި 2014 ވަނަ އަހަރު ކުރީކޮޅު ޕެރިހުގައި ރިތިކް އޭނާ ގާތުން ކައިވެންޏަށް އެދިފައިވާކަމަށް ކަންގަނާވަނީ ބުނެފައެވެ. މީގެ އިތުރުން ކަންގަނާ ބުނެފައިވަނީ ‘ބޭންގް ބޭންގު’ ގެ ބަތަލާއާއި ރިތިކްގެ ގުޅުން ބަދެހިވެ އޭނާއާއި ރިތިކް ރުޅިވެފައިވަނީ ލޯބިވެރިންގެ ދުވަހުގައިކަމަށެވެ. އަދި ފަހުން ކަންގަނާއާއި ގުޅުމަށް ރިތިކް އެދިފައިވާކަމަށާއި އޭނާއަށް ވަރަށް ގިނަ ފަހަރު އާދޭސްކޮށްފައިވާކަމަށް ކަންގަނާވަނީ ބުނެފައެވެ. އެހެންނަމަވެސް މި ވާހަކަތަކަށް ރީތިކް ވަނީ އިންކާރުކޮށްފައެވެ.