English Edition
Dhivehi Edition

ބޮލީވުޑްގައި ޑްރަގް ޓްރެފިކްކުރާ މީހުންނާއި، އެ ބޭނުންކުރާ މީހުން ތިބި ނަމަ އެ މީސްމީހުންނަކީ ކޮބައިކަން ކަންގަނާ ހާމަކުރަން ޖެހޭކަމަށް ކުރީގެ ބަތަލާ އުރްމިލާ މަޓޯންޑްކަރް ބުނެފިއެވެ.

ބޮލީވުޑްގެ މަޝަހޫރު ތަރި ސުޝާންތު ސިންގެ މަރާއެކު މުމްބާއީ އާއި ބޮލީވުޑާ އަދި ފިލްމީ ދާއިރާގެ ތަރިންނާއި ބެހޭ ގޮތުން ބަތަލާ ކަންގަނާ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް ވަނި އަމާޒުވެފައެވެ.

މި ގޮތުން ކަންގަނާގެ މިފަދަ ވާހަކަތަކަށް ރައްދުދެމުން އެންޑީޓީވީއަށް އުރްމިލާ ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑާއި ޑްރަގާ ގުޅުވާ ނަމަ ކަންގަނާގެ ނިސްބަތްވާ ހިމާޗަލް ޕްރަދޭޝްގެ މަނާލީ އަކީ އެންމެ ގިނައިން މަސްތުވާތަކެތި އުފައްދާ އެއް ތަން ކަމަށެވެ.

އިތުރަށް އުރުމިލާ ބުނީ އޭނާއަކީ މުމްބާއީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގެ ފަހުރުވެރި ރައްޔިތެއްގެ އިތުރުން ބޮލީވުޑްގައި ވެސް ހިއްސާވި އަދި އެ އިންޑަސްޓްރީ ދެކެ ލޯބިވާ މީހެއް ކަމަށެވެ. އެހެންކަމުން އެ ތަންތަނުގެ އަގާއި ހުރުމަތް ކެނޑޭ ފަދަ ވާހަކަތައް ދައްކާތީ ކަންބޮޑުވުން ފާޅުކުރަމުން އުރުމިލާ ވަނީ އެ ވާހަކަތައް މީގެ ކުރިން ނުދައްކާ މިހާރު ދައްކަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ކަންގަނާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަން ފާހަކުރަމުން އުރުމިލާ ބުނީ ކަންގަނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާއަކަށް ވިޔަސް އޭނާގެ އަމަލުތަކާއި ބަހުރުވަ ހުންނަ ގޮތުން ކަންގަނާގެ އަހުލާގީ ފެންވަރާއި ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ. ކަންގަނާގެ ފަރާތުން މިހާރު ފެންނަ ކަންތައްތަކަކީ ވަރަށް ގޯސް ނަމޫނާއެއް ކަން ފާހަކުރަމުން އުރުމިލާ ބުނީ ބޮލީވުޑަށް ޑްރަގްގެ ބޮޑެތި ތުހުމަތުތުތަކެއްކޮށް، މުމްބާއީ އަކީ ޓެރަސްޓުންގެ ހާއްޔެއް ފަދަ ނުރައްކާތެރި ތަނެއްގައި ގޮތުގައި ސިފަކޮށް ކަންގަނާ ވާހަކަ ދެއްކުމަކީީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.