ޖުމްހޫރިއްޔަތުގެ އަސާސްއަކީ އަބަދުވެސް ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރުންކަމަށާއި އެގޮތުން ފާއިތުވި ތިން އަހަރަކީ މިމަގުން ސަރުކާރު ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދިން 3 އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެއްގެ އެންމެ އަސާސީ ސިފަކަމަށެވެ. ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އިޖްތިމާޢީ އިންސާފުކަމާއި އަދި ފާއިތުވި 3 އަހަރު ސަރުކާރުން މަސައްކަތްކުރެއްވީ އެ ހަމަ ހިފެހެއްޓެވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތައް ދޫކޮށް މުޅި ރާއްޖެ ލާމަރުކަޒުކުރުމަށް ވެސް ފާއިތުވި 3 އަހަރު ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
މީހުން ބިނާކުރުމަށް ސަރުކާރުން ފާއިތުވި 3 އަހަރު ވަރަށްބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެގައި އޭ-ލެވެލް އަށް ކިޔަވައިދިނުން ފެށުމާއި، ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމާއި ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް 1000 އަށްވުރެ ގިނަ ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.
ސަރަޙައްދީ ތަރައްޤީއަކީ ވެސް ލާމަރުކަޒީ ނިޒާމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތާއި ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާކުރެވޭގޮތަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ މި 3 އަހަރުގެ އަމާޒަކީ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހިންގަންފަށައި އަދި ކުރިޔަށްއޮތް 2 އަހަރުގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމުންކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ކުރިއަށް ދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކަށް އަލި އަޅިވާލަމުން ރައީސް ވަނީ ތިލަމާލެ ކަނެކްޓިވިޓީގެ ބުރިޖާއި ހައިސްޕީޑް ފެރީ ނެޓްވޯރކް، ދަތުރުފަތުރުގެ ވިއުގައިގެ އަގުތިރިކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކުރިޔަށްއޮތް 2 އަހަރު ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވާނީ މިފަސް އަހަރަށް ސަރުކާރުން ވީ ވަޢުދުތައް ފުއްދާ ނިންމުންކަން ފާހަގަކުރައްވައި އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅީ އެމިސްރާބަށް ވާޞިލްވުމަށްކަމުގައި ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހޭދުކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި މާލެ ސަރަޙައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރަމުންދާ ހައުސިން ޔުނިޓްތަކުގެ އިތުރުން، ބިން އުފެއްދުމާ، އުފެދިފައި ހުރިބިންތައް ގުޅުވާލުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.