ފުވައްމުލައް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ޕާސަނަލް ޑިވެލޮޕްމެޓް” ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފިއެވެ.
މި މަހުގެ 3 ވަނަ ދުވަހުން 06 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މުވައްޒަފުންނަށް މައުލޫމާތު ދެއްވީ، ވަޒީފާތަކަށް މީހުން ތަމްރީނު ކުރުމުގެ ދާއިރާއިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަބްދުﷲ ހަމީދެވެ.
މި ޕްރޮގްރާމްގައި ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުންނާއި، އުފާވެރި މަޖާމާހައުލެއްގައި މަސައްކަތް ކުރުމުގެ ހުނަރުވަނީ ދަސްކޮށްދީފައެވެ، އަދި ކަސްޓަމާކެއާ އާއި ފެންވަރު ރަނގަޅު ނާސިން ކެއާ އާއި ގުޅޭ ގޮތުންވެސް މި ޕްރޮގްރާމްގެ ބައިވެރިންނާއެކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ރައްޔިތުން ބަލައިގަންނަ ޞިއްޙީ ޚިދުމަތްތައް ދިނުމަކީ އެ ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒުކަމަށެވެ. އަދި އެހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފުންނަށް އިތުރު މައުލޫމާތު ދިނުމުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 8 ގަޑިއިރުގެ ‘އިން-ހައުސް’ ތަމްރީނު ފުރިހަމަކުރަން ޖެހޭ ބައެއްކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ އިއްޔެ ނިންމާލި ޕްރޮގްރާމުން ވެސް އެކަން ހާސިލުކުރެވިފައިވާކަމަށެވެ.