English Edition
Dhivehi Edition

ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އަލަށް ފަށާ ޚިދުމަތްތައް, ނައިބު ރައީސް ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރޭ ފުވައްމުލަކު ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން ފުވައްމުލަކު ހޮސްޕިޓަލުގައި ހުޅުވުނު މިއައު އިމާރާތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުނު އިމާރާތެއްކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ރޭ އިފްތިތާޙް ކުރެވުނު އައު ޚިދުމަތްތަކުގެ ތެރޭގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ހިމެނޭއިރު، ނައިބު ރައީސް ވިދާޅުވީ، ފުވައްމުލަކުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބެންފެށުމަކީ ފުވައްމުލަކުގެ ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ ތަރައްޤީއަށް މި ސަރުކާރުން މުހިއްމު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލްގައި، ދަތުގެ ފަރުވާ އާއި ޑަޔަލަސިސްގެ ޚިދުމަތް ފެށިގެން ދިޔަކަމަށެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކުގައި އުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ މަގުހެދުމާއި، ފުވައްމުލަކު ސްކޫލުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ޚާއްޞަގޮތެއްގައި އަލިއަޅުއްވާ ލައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ފާއިތުވި 40 އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީގައި ހިންގިފައި ނުވާހައި ގިނަ މަޝްރޫޢު މިހާރު ހިންގެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ސިއްޙީޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ފުވައްމުލަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންވެސް އޯގާތެރިކަމާއި ހިނިތުންވުމާއިއެކު ޚިދުމަތް ދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު ބައިގައި ހިމެނެނީ އޯޕީޑީ ރޫމްތަކަކާއި ލެބޯޓަރީއެވެ. އަދި އެހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަކީ، ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި ނަފްސާނީ ބަލީތަކުގެ ފަރުވާއެވެ.