ދުނިޔޭގައި ދިރިއުޅޭއިރު އެކި އިންސާނުން ކުރަނީ އެކި ތަޖުރިބާއެވެ. ކުރިމަތިލާން ޖެހޭ ކަންތައްތައް ތަފާތުވާ އުސޫލުން ދިރިއުޅުން ކުރިއަށް ގެންދާ ރާސްތާއަކީވެސް ގިނަ ފަހަރަށް ދެމީހެއްގެ ދެމެދުގައި ތަފާތުވާ ކަންތައްތަކެވެ. އެއް މަންޒަރެއް ދެމީހަކަށް ފެންނަ ގޮތާއި އެއް ވާހަކައެއް ދެމީހަކަށް ދޭހަވާގޮތް ތަފާތުވާ ފަހަރުތައްވެސް ގިނައެވެ. ދައްކަން މިއުޅޭ ވާހަކައަކީވެސް ފަހަރުގައި ޙިޔާލުތަފާތުވުން އެކަށީގެންވާ ކަމަކަށް ނުވާނެއެވެ. އެއީ ހޮސްޕިޓަލެއްގެ ތެރޭގައި އެކި މީހުން ކުރާ ތަޖުރިބާއާއި ކުރިމަތިލައި ކަންތައްތަކުގެ އިތުރުން ތަހައްމަލުކުރާ ބަލިތަކަކީ ގިނަ ފަހަރަށް ވަރަށްވެސް ބޮޑަށް ތަފާތުވެފައި އޮންނަ ކަމަކަށްވާތީއެވެ. މިހެން މިކަންވުމުގެ އިތުރުން ބަލިވުމުން އެކި މީހުން ލިބޭނެ ކަމަށް އުއްމީދު ކުރާ ނުވަތަ ގަބޫލުކުރާ ހިދުމަތުގެ ފެންވަރުވެސް ގިނަ ފަހަރަށް އޮންނަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. އެހެން ކަމުން މިލިޔުމުގައި މިބަލާލަނީ އަޅުގަނޑުގެ އެކުވެރިއެއް ދާދި ފަހުން ފުވައްމުލައް ހޮސްޕިޓަލުގައި ހޭދަކުރި މަދު ގަޑި އިރުތަކެއްގެ ތެރޭގައި އޭނާ ކުރި ތަޖުރިބާގެ ވާހަކައެވެ.
މި އެކުވެރިއާއަކީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ދާދި ފަހުން ފުވައްމުލައް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވައިދެވިފައިވަނީ އޭނާގެ ކަނާތު ކިޑްނީގައި ހިލައެއް ހުރުމުގެ ސަބަބުން ކުރިމަތިވި ކަންތައްތަކަކަށް ފަރުވާ ދިނުމަށެވެ. މި އެކުވެރިޔާ ހާމަކުރި ގޮތުގައި އޭނާ އެ ބަލި ތަހައްމަލު ކުރަމުން އަންނަތާ މިހާރު 10 ވަަރަކަށް އަހަރުވެފައިވާއިރު ފާއިތުވި 10 އަހަރުތެރޭގައި އޭނާގެ ކިޑްނީގައިވަނީ 16 ވަރަކަށް ހިލަހެދި އެކަމަށް ފަރުވާ ހޯދާށެވެ. މިވާހަކަ މިގެނެސްދިނީ ހޮސްޕިޓަލުތަކުގައި އޭނާއަށް ކުރެވިފައިވާނެ ތަޖުރިބާތަކުގެ އަދަދު ކިޔުންތެރިންނަށް ކޮންމެވެސް މިންވަރަކަށް ތިލަކޮށް ދިނުމުގެ މަގުސަދުގައެވެ.
“މިދިޔަ އޮގަސްޓު މަހުން ފެށިގެން އިނގޭ ކިޑްނީގައި އެ ހިލަ އިންކަން. އެހެންނަމަވެސް މިދިޔަ ރޯދަމަހުގެ ތެރޭގައި އެކަމުގެ އުނދަގޫ ވާން ފެށީ. އުނދަގޫ ވާން ފެށިތާ 4 ގަޑިއިރު ފަހުން ފުވައްމުލައް ހޮސްޕިޓަލަށް ދިޔައީ. ދަންވަރުގެ ގަޑިއެއް، އެހެން ނަމަވެސް ދިޔަތާ ގާތްގަނޑަކަށް 1 ގަޑިއިރުތެރޭ ޓްރީޓްމެންޓް ޕްލޭން އެއް ނިންމާ ޑޮކްޓަރު އެކަން އެންގި.” ފުވައްމުލައް ހޮސްޕިޓަލުން އޭނާ އަށް ލިބުނު އަވަސް ހިދުމަތުގެ ވާހަކަ ކިޔައިދޭން ފައްޓަމުން އޭނާ ބުންޏެވެ.
އެކުވެރިޔާ ބުނިގޮތުގައި ފުވައްމުލައް ހޮސްޕިޓަލުގެ އެމަރޖެންސީ ކޮޓަރިއަށް އެރޭގެ ދަންވަރު 00:50 ހާއިރު އޭނާ ދިޔައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ އަދިވެސް އެހެނިހެން އަލާމާތްތައް ފެންނާތީ ކަމުގައެވެ. ވަނުމާއެކު އޭނާއަށް ނަރުހުންގެ އޯގާތެރިކަން ފާހަގަކުރެވިގެން ދިޔަކަމަށާއި ނަރުހުން ފަރުވާ ދިނުމުގައި ވަރަށް ހަލުވިކަމާއި އެކު ހަރަކާތްތެރިވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޑޮކްޓަރެއް އައިސް ބެލުމަށްފަހު ތަދު ކެނޑުވުމަށް އިންޖެކްޝަން އެއް ދެވިގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ހަމަ ލެޔާއި ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމަށްފަހު އެކްސްރޭ އާއި އަލްޓްރާ ސައުންޑް ސްކޭން އެއްވެސް ހައްދައިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލުގައި އެފަދަ ބަލިތައް ބެލުމަށް ހާއްސަވެފައި ހުންނަ އޮޕަރޭޝަން ޑޮކްޓަރު އައިސް ބަލައި މާލޭގައި އިންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޔޫރޯލޮޖީ ޑިޕާޓްމެންޓުގެ ލަފާ ހޯދާ ބަލިމީހާ މާލެ ފުރުވަން ނިންމި ކަމަށާއި ފުރުވާލެވެންދެން ދެވިގެންދާނެ ފަރުވާގެ ވާހަކަ ތަފްސީލީ ގޮތަކަށް އެ ޑޮކްޓަރު ކިޔަައިދީފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެކުވެރިޔާ ބުނެފައިވާ ގޮތުން އޭނާ މާލެ ފުރުވާލަން ޑޮކްޓަރު ނިންމައިފައިވާ ކަމާއި އެކަމުގެ ވާހަކަ އޭނާ އާއިލާއަށް އަންގައިފައި މެސެޖެއް ކޮށްފައިވާ ގަޑިއަކީ އެރޭ ދަންވަރު 01:54ގައެވެ. އެހެން ކަމުން 1 ގަޑިއިރު ތެރޭ ބަލިމީހާގެ ބައްޔަށް އެވަގުތަށް މުހިންމު ފަރުވާދެވި ތަހުލީލުތައް ކުރުމަށްފަހު ގޮތެއް ފުވައްމުލަކުގެ ހޮސްޕިޓަލުން ނިންމައިފައިއެވަނީ 1 ގަޑިއިރު ތެރޭގައެވެ.
“ހަގީގަތުގައި ވަރަށް ހައިރާންވި. އަބަދުވެސް އިވެނީ ހޮސްޕިޓަލުން އެފަދަ ވަގުތާއި ކަންތައްތަކުގައި ފަރުވާ ދިނުމުގެ އިތުރުން ގޮތެއް ނިންމުމުގައި ވަގުތު ނަގާ ވާހަކަ، ވާނުވާ ނޭނގި ގިނަ ވަގުތު އާއިލާއާއި ބަލިމީހުން ތިބެން ޖެހޭ ވާހަކަ. އެހެން ނަމަވެސް އަހަރެންގެ ތަޖުރިބާ މުޅިން ތަފާތު. ފުވައްމުލައް ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް އައިސްފި ކަމުގައި ގަބޫލުވެސް ކޮށްފިން” އެކުވެރިޔާ ބުންޏެވެ.
އެކުވެރިޔާ އިތުރަށް ކިޔައިދިން ގޮތުގައި އޭނާ އެ ހޮސްޕިޓަލުގައި މާލެއަށް ފުރުވާލެވެންދެން ހޭދަކޮށްފައިވަނީ 17 ގަޑިއިރު ކަމަށެވެ. އެއީ އޭނާގެ ހަޔާތުގައި އެޅި އެންމެ ބޮޑު ވޭން އެކި ފަހަރު މަތިން އޭނާ ތަހައްމަލު ކުރި 17 ގަޑިއިރު ކަމުގައިވީ ނަމަވެސް އެ ވޭނަށް އޭނާއަށް އެންމެ ބޮޑު ލުޔެއް ލިބެން މެދުވެރިވި ސަބަބަކީ ހޮސްޕިޓަލުގެ ނަރުހުން ކަމަށް އޭނާ ބުންޏެވެ. އަދި އޯގާތެރިކަމާއި ހިތްހެޔޮ ކަމުގައި ފުވައްމުލައް ހޮސްޕިޓަލުގެ ނަރުހުން ދެއްކީ އެހެން ހޮސްޕިޓަލު ތަކުގެ ނަރުހުން އެކަމުން މިސާލު ނަގަންޖެހޭ ކަމެއް ކަމުގައިވެސް އެކުވެރިޔާ ވަނީ ބުނެފައެވެ.
“ވަރަށް ވަރަށް އޯގާތެރި ދިމާވި ހުރިހާ ނަރުހުންވެސް. ކުރިންވެސް ފުވައްމުލައް ހޮސްޕިޓަލުން ފަރުވާ ހޯދިން. އޭރު އެކި ނަރުހުންގެ އޯގާތެރިކަން ލިބުނީ އެކި މިންވަރަށް. އެހެން ނަމަވެސް މިފަހަރު ވަކި ތަފާތު ނަރުހެއް ނެތް. ތަދުވާތީ އުޅޭއިރު އައިސް ކައިރީގައި ތިބޭ. އިރު އިރުކޮޅާ ހޮޓް ވޯޓަރ ބޭގްގެ ފެން ބަދަލުކޮށް އެއަޅައިދޭ. ތަދަށް ބޭހާއި ނުލައި ލުއި ލިބިދާނެ އެކި ގޮތްތައް ކިޔައިދީ އެކަންތައް ކުރުވައި ހެދި. އިރުއިރުކޮޅާ ހާލުބަލާ ހެދި.” އެކުވެރިޔާ ކިޔައިދިނެވެ.
އެކުވެރިޔާ އިތުރަށް ކިޔައިދިން ގޮތުގައި މާލެ ފުރުވާލަން އުޅުނު ވަގުތު ހޮސްޕިޓަލަކީ އެންމެ ދާން ބޭނުން ނުވާ އެއް ތަން ކަމުގައި ވެފައި އޮންނަ ނަމަވެސް އެތަން ދޫކޮށް ދާން ޖެހުމުން ދެރަވި ކަމަށެވެ. އިތުރު ފަރުވާ އަށް މާލެ ދެވޭތީ އެ ހިތްހަމަޖެހުން ހިތުގައި އޮތް ކަމުގައިވީ ނަމަވެސް ދެންދާ ހޮސްޕިޓަލެއްގެ ނަރުހުންގެ ފަރާތުން ފުވައްމުލައް ހޮސްޕިޓަލުގެ ނަރުހުންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އަޅާލުން ނުލިބިދާނެތީ އެކަމާއި ޖެހިލުންވެ ދެރަވި ކަމަށްވެސް އެކުވެރިޔާ ވަނީ ބުނެފައެވެ. އަދި ފުވައްމުލައް ހޮސްޕިޓަލުގެ ހުރިހާ ނަރުހުންގެ އޯގާތެރިކަން ލިބުނު ކަމުގައިވީ ނަމަވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުން ކަމަށްވާ ޝިފާ އަދި ރައުފާގެ ނަން އެކުވެރިޔާ ވަނީ ފާހަގަކޮށްފައެވެ.
“މާލެ ގެންދިޔައިރުވެސް އެއްކޮށް އެކޮޅަށް ދިޔަ ނަރުސް (ރައުފާ ސިސްޓަރ)ގެ ފަރާތުން ލިބުނު އޯގާތެރިކަން އަބަދުވެސް ހަނދާން ހުންނާނެ. ވަރަށް ވަރަށް އޯގާތެރި. ހޮސްޕިޓަލުން ނައްޓާލި ހިސާބުން ފެށިގެން ގޮސް އައިޖީއެމްއެޗް އާއި ހަވާލު ކުރެވެންދެން ނުދެކެން ރައުފާ ސިސްޓަރ އެހެން ކަމެއްގައި ޝާމިލުވިތަނެއް. ހަމަ ހުރިހާ ވަގުތަކާއި ފޯކަސްއެއް ހުރީ އަހަންނަށް.” އެކުވެރިޔާ ކިޔައިދިނެވެ.
އެކުވެރިޔާ އިތުރަށް ފާހަގަކުރި ގޮތުގައި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ހޮސްޕިޓަލުގެ މެނޭޖްމެންޓުންވެސް ބަލި މީހުންގެ ހާލު ބަލަން ކުރި ޒިޔާރަތުގައި އޭނާއާއި ބައްދަލުވިކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެފަރާތުން ހާލުބެލުމުގެ އިތުރުން އެކުވެރިޔާ މާލެ ފުރުވާލުމުގެ ކަންތައް ކުރިއަށްދާ ގޮތާއި މެދު އަދާހަމަ ދީފައިވާ ކަމަށްވެސް އެކުވެރިޔާ ވަނީ ބުނެފައެވެ.
“ވަރަށް ހިތްހަމަޖެހުނު ކަމެއް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ބަލިމީހުންނަށް ޒިޔާރަތްކުރާތަން ފެނުމުން. އިހުސާސްކުރެވުނު ހޮސްޕިޓަލުގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން އެންމެ މަތީ މީހާއާއި ހަމައަށްވެސް ބަލިމީހުން ހޮސްޕިޓަލުގައި ހޭދަކުރާ ވަގުތު ދަނީ އެންމެ ރަނގަޅަށްތޯ ބަލައި ރަނގަޅުކުރެވެން ހުރި ކަންތައް އެނގެން ބޭނުންވާކަން. ކުރިން އާންމުކޮށް އޮތް ސަގާފަތް ބަދަލުވެގެން އަންނަ ކަމުގެ ވަރަށް ބޮޑު ހެއްކެއް އެއީ.” އެކުވެރިޔާ ކިޔައިދިނެވެ.
ބަލި މީހަކަށް ބަލި އިރު އެންމެ ބޭނުންވާނެ އެއް ކަމަކީ އަޅާލުމާއި އޯގާތެރިކަމެވެ. ބަލި މީހާއަށް ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކައުތެރިކަން ކަށަވަރުކޮށް ދިނުމަކީ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކުރަންޖެހޭ ކަމެކެވެ. ގިނަ ފަހަރަށް މިހިމާޔަތާއި ރައްކައުތެރިކަން އަދި އޯގާތެރިކަމާއި އަޅާލުން އެހެން މުވައްޒަފުންގެ ފަރާތުން ލިބޭނެ ކަމަށް އުއްމީދުކުރާ މިންވަރަށް ވުރެން ބޮޑަށް ނަރުހުންގެ ފަރާތުން ލިބޭނެ ކަމަށް ބަލިމީހުން އުއްމީދު ކުރެއެވެ. އެކުވެރިޔާ މިކިޔައިދިން ވާހަކަތަކުން އަޅުގަނޑަށް ސިފަވެގެން ދިޔައީ އަސްލު ހަގީގަތުގައި އަޅުގަނޑުމެން އެންމެންވެސް ނަރުހުންގެ ފަރާތުން ބޭނުންވާ ކަންތައްތަކެވެ.
ފުވައްމުލައް ހޮސްޕިޓަލުގެ ނަރުހުންނާއި އެހެނިހެން މުވައްޒަފުން މިގޮތުގައި ތިބެއްޖެނަމަ ފުވައްމުލަކުގެ ހޮސްޕިޓަލުން ރައްޔިތުން އެދޭ ހުރިހާ ހިދުމަތްތަކެއް ނުލިބުނު ކަމުގައިވީ ނަމަވެސް ލިބޭ ހިދުމަތްތަކާއި މެދު ހިތްހަމަޖެހޭނެއެވެ. އަޅުގަނޑުގެ ހަނދާނަށް އައީ މިވާހަކަތައް އަޑު އެހުމަށް ފަހު އިނގިރޭސި ބަހުން ބުނެ އުޅޭ މިސާލީ ބަހެކެވެ. “އިޓްސް ނޮޓް އެބައުޓް ދި ކުއެންޓިޓީ. އިޓްސް އެބައުޓް ދި ކޮލިޓީ” މިއެވެ. އެއީ ވަރަށްވެސް ބޮޑު ތެދެކެވެ. ބޭނުންވަނީ ގިނަ ހިދުމަތްތަކެއް ނޫނެވެ. ބޭނުންވަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެކެވެ. އަޅުގަނޑުގެ އެކުވެރިޔާއަށް ފުވައްމުލައް ހޮސްޕިޓަލުން މިވަނީ އެކަން ވަރަށް ރަނގަޅަށްވެސް ސާބިތުކޮށްދީފައެވެ.