މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެކުލަވާލާ މެނިފެސްޓޯގައި އައްޑޫއަށް ގިނަ ކަންތައްތަކެއް ހިމަނާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، އެ ޕާޓީގެ ލީޑާރޝިޕުން މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގެ ތެރެއިން ފޭދޫގައި އެމްއެންޕީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ،
މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ އެމްއެންޕީ ގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އައްޑޫ ސިޓީގެ ތަރައްޤީއަށް އެ ޕާޓީން ވަަރަށް ބޮޑު އިސްކަމެއް ދެއްވާނެކަން ފާހަގަކުރަމުން ނާޒިމް ވިދާޅުވީ ބްރިޖަކީ އައްޑޫ ސިޓީއަށް ވެސް މުހިންމު އެއްޗެއް ކަމަށެވެ. އަދި އެޕާޓީން އެކަން ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަދި ދިރާސާތައް ކުރުމަށްފަހު ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ އައްޑޫ އަށް އެކަށީގެންވާ ތަރައްގީ ގެނެވޭނީ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކޮށްގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ކުރި އަރައިގެންދާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަގެނތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ތިމަަރަފުށި ދާއިރާގެ މެެމްބަރު އަބްދުﷲ ރިޔާޒް އިސްކޮށް ތިއްބަވައިގެން އުފެެއްދެވި އެމްއެންޕީ އިން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާއި ހަމައަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި މިއަދު ހުޅުދޫ މީދޫ އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ،