English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ކައުންސިލްތަކުގައި ޒުވާނުންނަށް ގޮނޑިތަކެއް ޚާއްޞަ ކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބޭނުމަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ކަނޑައެޅުމާއި ރަށުގެ ތަރައްޤީގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގެ ފެންވަރުގައި ޒުވާނުން އިތުރުކުރުން ކަމަށެވެ.

ސަރުކާރުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކޮށް، ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކަކީ ޒުވާނުންނަށް އެންމެ އެކަށޭނަ ސިޔާސަތުތައްކަން ކަށަވަރުކުރުމުގެ ގޮތުން، ޒުވާނުންގެ ޤައުމީ މަޖިލީސް ޤާނޫނަކުން އެކުލަވާލައި، ޤާނޫނުގެ ބާރުވެރިކަން ދޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި މި މަޖިލީހަކީ ޒުވާނުންގެ މައްސަލަތަކުގައި ސަރުކާރަށް ލަފާދޭ މަޖީލީހެއްކަމުގައި ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމްގެ ސަރުކާރެއްގެ އެންމެ އިސް ވަޢުދަކަށް އަދި ސިޔާސަތަކަށްވަނީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމާއި ގަވަރނަންސް ވަރުގަދަ ކުރުމާއި ދައުލަތުގެ ހިންގުން ހަރުދަނާކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ސަރުކާރުގެ ހިންގުމުގެ ދޯހަޅިކަމުގެ ވާހަކައަކީ ދައްކާ ކޮޅުން ލާންނެތް ވާހަކައެއް ނޫން ކަމަށާއި ޤާނޫނާއި ގަވާއިދުގެ ބޭނުމެއް ނެތްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޤާނޫނު ތަންފީޛުވިޔަސް ނުވިޔަސް އެއްވެސް މީހަކު ބަލާކަށް ނުޖެހޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެހެންކަމުން އޭނާގެ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ ރޫލްސް އޮފް ލޯ ކަމަށާއި އެގޮތުން އޮޑިޓަރ ޖެނެރަލްގެ ލަފައެއް ނެތި، ދައުލަތުގެ މުދާ ނުވިއްކުމާއި ޕްރައިވެޓައިޒޭޝަން ބޯޑު މިނިވަންކޮށް ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑު މިނިވަންކުރުން ހިމެނޭ ކަމަށެވެ. އަދި ޕޭ ކޮމީޝަން މިނިވަންކަން ޤާނޫނުގައިވާ ގޮތަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމާއި މިއަދު ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ އާއި ސިފައިންގެ ޖެނެރަލެއްގެ މުސާރައާ މާބޮޑު ތަފާތެއް ނެތްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމް.އެމް.އޭގެ ގަވަރނަރގެ ލަފާ ބޮލާލާއި ނުޖެހުމާއި ޖުޑިޝަލް ސަރވިސް ކޮމިޝަން މިނިވަންކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓިތައް އިދޮކޮޅަށް ދޫކުރުމާއި ޚާރިޖީ ސިޔާސަތާއި އަދި ދިފާޢީ ސިޔާސަތު ކަނޑައެޅުމުގައު ހުރިހާ ޕާޓީއެއްގެ ބައިވެރިވުން އޮންނަ ގޮތަށް ޤާނޫނު ބަދަލުކުރުން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެންމެ ފުރިހަމަ މާނައިގައި ޢަދުލު އިންސާފުގެ ދާއިރާ މިނިވަންކޮށް، ޝަރުޢީ ދާއިރާއަށް އަތް ބޭނުން ހުއްޓުވާ، ސަރުކާރުގެ ނުފޫޒުތައް ބޭރުކޮށް، ޢަދުލު އިންސާފު އެންމެ ފުރިހަމަ މާނައިގައި ހަމަހަމަ ކަމާއެކު ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

1 ކޮމެންޓް
މުހައްމަދު
އޮގަސްޓް 8, 2023
ގައުމު ތަރައްގީ ކުރުމަށްޓަކާ ޒުވާނުންނަށް އިސްކަން ދިނުން މުހިންމު. ދިވެހި ޤައުމު ސަލާމަތްކުރަން ބޭނުންވަނީ ނާޒިމްފަދަ ޤައުމީ ފަހުލަވާނެއް.