English Edition
Dhivehi Edition
އެސްޓިއޯ ފާމަސީ، އައްޑޫ ސިޓީ ހިތަދޫ

ބޭސް ފިހާރަތަކުން، އަސާސީ ބޭސްތައް ނުލިބޭނަމަ ބޭހާ ބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން، އެ ފާމަސީތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާރމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ އެކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

އެހެންކަމުން އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީ ތަކުންވެސް، ހީރަސް ކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އެތޯރިޓީން ވަނީ އެދިފައެވެ،

މި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން (އޯޓީސީ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އޮތޯރިޓީ އިން ވަނ ބުނެފައެވެ. މީގެ އިތުރުން އެ އޮތޯރިޓީން ބުނީ އަސާސީ ބޭސް، ފާމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ ތިން މަހަކުން އެއްމަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަން ވާނެކަމަށެވެ.