English Edition
Dhivehi Edition

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ގެ ދަށުން “މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ” ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި 2024/17 ނަންބަރު ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.

ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

މީގެ ކުރިން އޮތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއަކީ 2006 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ތަނެކެވެ. އޭރުވެސް ކާބޯތަކެއްޗާއި ބޭހާއި ބެހޭ މިންގަނޑުތައް ކަނޑައަޅައި، އެކަން ވިލަރެސް ކުރުމުގެ މަސައްކަތް ކުރަނީ އެމްއެފްޑީއޭންނެވެ. އެއިދާރާގެ މަސައްކަތްތައް ފުޅާވި ނަމަވެސް ޤާނޫނީ ބާރުވެރިކަމެއް އެހާ ބޮޑަށް ލިބިފައެއް ނުވެއެވެ. އެގޮތުން ކާބޯތަކެތި ވިއްކާތަންތަން އިންސްޕެކްޓް ކުރެވުނު ނަމަވެސް ޤަވާއިދާއި ޚިލާފަށް ހުރިތަންތަނާއި މެދު މާބޮޑު ފިޔަވަޅެއް އެޅެން ނޯވެއެވެ.

އަލަށް އަމަލުކުރަންފެށި ޤާނޫނާއެކު އެމްއެފްޑީއޭއަށް ބާރުވެރިކަން ލިބި، ކާބޯތަކެތި އުފައްދާ، ވިއްކާ، އަދި ގުދަންކުރާ ތަންތަން ބަލައި ފާސްކުރުމާއި، މިންގަނޑަށް ނުހުންނަ ތަންތަނަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިދެއެވެ. ހަމައެއާއެކު ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރެވޭ ނިޒާމެއް ޤާއިމުކުރުމަށް އެމްއެފްޑީއޭއަށް ލާޒިމުކުރެއެވެ.