English Edition
Dhivehi Edition

ތައިލެންޑުގައި އުފައްދާ 15 ބާވަތެއްގެ ބޭހެއްގައި ކެމިކަލް އެކުލެވިގެންވާކަން އެޤައުމުގެ އިދާރާތަކުން ހާމަ ކުރުމާއިއެކު، އެފަދަ ބޭސް ގަތުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ތައިލެންޑުގެ ކުންފުންޏެއްކަމުގައިވާ ސެވަން ސްޓަރސް ފާމަސޫޓިކަލް ކޯޕަރޭޝަން ލިމިޓެޑުން އުފައްދާ 15 ބާވަތެއްގެ ބޭސް އުފެއްދުމުގައި ކެމިކަލްގެ މާއްދާއެއް އެކުލެވިފައިވާތީ އެޤައުމުގެ ބޭސް ރެގިއުލޭޓްކުރާ އިދާރާއިން އެބޭސްތައް ބާޒާރުން އަނބުރާ ނެގުމަށް އަންގާފައިވާކަމަށެވެ.

ބޭނުން ނުކުރުމަށް އެންގި ބޭސްތައް:

  1. ޑޮމްޕާސްޓާ ސަސްޕެންޝަން
  2. ކޯ ޓްރިމެކްޒޯލް މިކްސްޗާ
  3. ކްރެސްބުފެން ސަސްޕެންޝަން
  4. ކްރެސްޓްރިމް ސަސްޕެންޝަން
  5. ކްރެސްޓެކް ސިރަޕް
  6. ކްރެސްކޯލެޓް ސިރަޕް
  7. ސެޓަފެން ސިރަޕް
  8. ފޭޓެކް ސިރަޕް
  9. ކާބޮސޯލް ސިރަޕް
  10. ސްޓާޓެކް ސިރަޕް
  11. ކްރެސްބްރޮކްޒޯލް ސިރަޕް
  12. ސްޓާޓިފިން ސިރަޕް
  13. އިބުސްޓާ ސަސްޕެންޝަން
  14. ޑޮމްޕާކްރެސް ސިރަޕް
  15. ޕެރެސްޓާ

އެމްއެފްޑީއޭއިން ބުނީ މި ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް ނޫންކަމަށެވެ. އެހެންނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމަކަށްވުމުން އެޤައުމުން އަމިއްލަ ބޭނުމަށް ނަމަވެސް ބޭސް ގަންނަނަމަ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މައްސަލަ ދިމާވެފައިވާ ބޭސްތަކުގެ ތެރޭގައި އެކުންފުނިން އުފައްދާ ބައެއް ބާވަތުގެ ތަދުކަނޑުވާ ދިޔާ ބޭސްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޕެރަސެޓަމޯލްއާއި ބުރޫފަން ފަދަ ދިވެހިން ޢާންމުކޮށް ބޭނުންކުރާ ބޭސްތައް ވެސް ހިމެނެއެވެ.

މީގެއިތުރުން އެލަރޖީތަޖަށް ދޭ ބައެއް ދިޔާ ބޭހާއި ހުމާއި ރޯގާއަށާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ބޭނުންކުރާ ބޭސްވެސް މި ލިސްޓުގައި ހިމެނެއެވެ.

އެހެންކަމުން ތައިލެންޑުން ބޭސްފަރުވާ ކުރުމުގައި މިފަދަ ބޭސްތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދެއެވެ.

އެއިދާރާއިން ބުނީ، މިއީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮތް ބޭސްތަކެއް ނޫންނަމަވެސް، އެލަރޓާއި ގުޅިގެން ރާއްޖޭގެ ޕޯޓުތަކުގައި ޚާއްސަ ސަމާލުކަމެއްދީގެން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.