English Edition
Dhivehi Edition

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި “ފާގަތި ދިރިއުޅުމުމަށް” ޝިޔާރުގެ ދަށުން ބަޖެޓް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހާފައިވަނީ މި އަހަރަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ. މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އެއީ

  • ބަޖެޓު ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ
  • ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.8 ބިލިއަން ރުފިޔާ
  • އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ

މި ފައިސާ ހޯދުމަށް ނިންމާފައިވަނީ

  • ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ
  • ގްރީން ނުވަތަ ބުލޫ ބޮންޑު ވިއްކައިގެން 50 މިލިއަން ޑޮލަރު
  • ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެން 200 މިލިއަން ޑޮލަރު
  • މަޝްރޫއުތަކުގެ ލޯން ޑިސްބާސްމަންޓް 187 މިލިއަން ޑޮލަރު
  • ބަޖެޓު ސަޕޯޓަށް 50 މިލިއަން ޑޮލަރު

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މި ގޮތުން ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރުމާއި ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުމަކީ އާމްދަނީ އިތުރުކުރުމަށް އަލަށް ފަށަން ނިންމާފައިވާ ކަންތައްތަކެވެ.