ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) ރައިޓް ސައިޒްކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން 33 ޕަސަންޓު މުވައްޒަފުން މަދުކުރަން ނިންމާފައިވާއިރު، މީގެ ސަބަބުން 6،000 އެއްހާ މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުޑަކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސަންޓަށް ދަށްކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ ހުރިހާ ކުންފުނިތަކަށް އަންގާފައެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ނިމޭއިރު، މި ސަރުކާރުން އަލަށް ވަޒީފާއަށް ވެއްދި މީހުންގެ އަދަދަށް ވުރެ ވަޒީފާއިން ވަކިކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ. މިއީ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑު އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކުރުމަށް ކުރާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތައް އެއްކޮށް ނިމޭއިރު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެކަން ހިސާބުތަކުން ދައްކާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ މާނައަކީ މި ސަރުކާރުން ހަވާލުވިއިރު އެސްއޯއީތަކުގައި ތިބި މުވައްޒަފުންގެ އަދަދަށް ވުރެ މުވައްޒަފުންގެ އަދަދު މަދުވެގެން ދިއުން ކަމަށެވެ.
ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ އިތުރުން، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ވެސް މަދުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އޭގެ ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން އާންމުކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.