ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 64 ޕަސަންޓު މިހާރު ހުސްވެފައިވާއިރު، އަހަރުގެ ބާކީ އޮތް ހަތަރު މަސްދުވަހަށް ބަޖެޓުގައި ބާކީ އޮތީ 23 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތައް އާންމުކުރުމަށް އެ މިނިސްޓްރީން ނެރުނު ރިޕޯޓުން ހާމަވި މައުލޫމާތެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދަރަނިތައް އަދާކުރުމަށް ކުރި ހޭދަތަކާ އެކު ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 41 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ހަރަދުތައް މިހާ މައްޗަށް ގޮސްފައިވާއިރު، މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 28 ބިލިއަން ރުފިޔާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މިހާތަނަށް ކުރި ހޭދައިގެ 86 ޕަސަންޓަކީ މުވައްޒަފުންގެ މުސާރަ ދިނުމަށާއި އޮފީސްތައް ހިންގުމަށް ކުރި ހޭދަ އެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދުތަކަށް އެކަނިވެސް 26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން 10 ބިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވާއިރު، އޮފީސްތައް ހިންގުމަށް 16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދައާ އަޅާބަލާއިރު 18 ޕަސަންޓުގެ ބޮޑުވުމެކެވެ. މިދިޔަ އަހަރު ދައުލަތުގެ ރިކަރަންޓް ހަރަދަށް 22 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އޭރު އޭގެ ތެރެއިން މުސާރަ ދިނުމަށް ހޭދަކޮށްފައިވަނީ ނުވަ ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރު އޮފީސްތައް ހިންގުމަށާއި މުސާރައަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ބަޖެޓުގެ ބޮޑު ބައެއް ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް ހުސްވެފައިވާއިރު، މިއަހަރުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެނިހެން ކެޕިޓަލް ހަރަދުތަކަށް މިހާތަނަށް ހޭދަކޮށްފައިވަނީ އެންމެ 3.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ދަރަނި އަދާކުރުމަށާއި ފައިނޭންސިން ހަރަދުތައް ހަމަޖެއްސުމަށް ބަޖެޓުން 13 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.