މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށްވުރެ ދައުލަތުން ކުރި ހަރަދު ބޮޑުވެ، ހަރަދުގެ އަދަދު 28 ބިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހިނގާ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ ލިބުނު އާމްދަނީއަށް ވުރެ ގިނައިން ހަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 28.1 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 24.5 ބިލިއަން ރުފިޔާ ހިމެނޭއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ވަނީ 3.6 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
ދައުލަތުގެ ހަރަދު 28.1 ބިލިއަން ރުފިޔާގައި ހުރިއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމްލަ 27.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އާމްދަނީއަށް ވުރެ ހަރަދު ވަނީ އެއް ބިލިއަން ރުފިޔާ އިތުރުވެފައެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 ޕަސަންޓުގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް އިތުރުވުމެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މުޅި ޖުމްލަ ޓެކްސް އާމްދަނީ ވަނީ 21.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 460.4 މިލިއަން ރުފިޔާއަށް މަތިވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު އިތުރުވެފައިވީ ނަމަވެސް، ރިކަރަންޓް ހަރަދުތައް ބޮޑުތަނުން މައްޗަށް ގޮސްފައިވުމުން، ޖުމްލަ ހަރަދު ވަނީ ލިބުނު އާމްދަނީއަށް ވުރެ ބޮޑުވެފައެވެ.