ފަތުރުވެރިކަމުގެ ޓެކްސްތަކާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 30.88 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުތައް ބޮޑުތަނުން މައްޗަށް ގޮސް 35.456 ބިލިއަން ރުފިޔާއަށް އަރައިފި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް” ރިޕޯޓުގައިވާ ގޮތުން، މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.8 ޕަސެންޓް އިތުރުވެފައެވެ. އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ޓީޖީއެސްޓީން ލިބުނު 8.06 ބިލިއަން ރުފިޔާއާއި، އެއާޕޯޓް ސާވިސް ޗާޖުން ލިބުނު 1.53 ބިލިއަން ރުފިޔާގެ އިތުރުން ވިޔަފާރި އަދި މުދަލުގެ ޓެކްސްތަކުން ލިބުނު ބޮޑު ކުރިއެރުމެވެ. މީގެއިތުރުން ދައުލަތަށް ލިބުނު ހިލޭ އެހީ ވެސް ވަނީ 84.7 ޕަސެންޓް އިތުރުވެ 0.513 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެހެންނަމަވެސް، އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ޖުމްލަ ހަރަދު 18.2 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ ވަނީ 30.653 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ސަބްސިޑީތަކަށް ކުރި ހަރަދު 75.1 ޕަސެންޓް އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 5.555 ބިލިއަން ރުފިޔާ އަދި އާސަންދައިގެ ހަރަދު 25.1 ޕަސެންޓް އިތުރުވެ 1.864 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.
ހަމައެއާއެކު، ތަރައްގީގެ މަޝްރޫއުތަކަށް ހިނގި ކެޕިޓަލް ހަރަދުތައްވެސް ވަނީ 15.9 ޕަސެންޓް އިތުރުވެ 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށާއި ބަނދަރު ހެދުން ފަދަ އުމްރާނީ ތަރައްގީގެ ކަންކަމަށެވެ.