English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓު ޑިސެމްބަރު މަހުގެ ފަހުކޮޅު ހުޅުވޭނެ ކަމުގެ ޔަގީންކަން އެ ރިސޯޓުގެ މެނޭޖްމެންޓުން ދީފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާއެކު އެ ރިސޯޓްގެ މެނޭޖްމަންޓުން ވަނީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދެ އަހަރަށް އެ ތަން ބަންދު ކުރަން ނިންމާފައެވެ. ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުނިން ހިންގަމުން އައި މި ރިސޯޓް2020 ވަނަ އަހަރު ބަންދުކުރަން ނިންމާފައިވަނީ ސިންގަޕޫރުގައި ހުންނަ ރިސޯޓުގެ މައި އޮފީހުންނެވެ، މި ރިސޯޓު ބަންދުކުރުމާއި ގުޅިގެން އައްޑޫ ގެ ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު އޭރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވަނީ ރިސޯޓު ހިންގުމުގައި ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭކަމަށް ބުނެފައެވެ،

މި ރިސޯޓު ބަންދުކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންތައްފާޅުކުރަމުން އަންނައިރު، އަލުން އެތަން ހުޅުވުމަށް މެނޭޖްމަންޓުން އަންނަނީ ތައްޔާރުވަމުންނެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރު އާއި ބައެއް ކައުންސިލް މެމްބަރުން ހެރެތެރެ ރިސޯޓަށް ވަޑައިގަންނަވާ، ރިޒޯޓު ހުޅުވަން ކުރެވެމުން ގެންދާ މަސައްކަތް ވަނީ ބައްލަވާލައްވާފައެވެ އަދި ރިޒޯޓް މެނޭޖްމަންޓް އާއި ބައްދަލު ކުރައްވައި މިވަގުތު ކުރެވެމުންދާ މަސައްކަތާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މިބައްދަލުވުމުގައި ހެރެތެރޭގެ މެނޭޖްމަންޓުން ވަނީ ޑިސެމްބަރ މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަޤީންކަން ކައުންސިލަށް އަރުވާފައެވެ، އަދި މިއާއެކު މިވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި، ރިސޯޓް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ރިސޯޓަށް ބޭނުންވާ އެހީތެެރިކަން ކައުންސިލުން ފޯރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން މޭޔަރ ނިޒާރު ވަނީ ރިސޯޓުގެ މެނޭޖްމަންޓަށް އަރުވާފައެވެ.