English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ޤައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވަމުން، 2030 ވަނަ އަހަރާއި ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ޙާޞިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ޙާޞިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއެވެ.

ރައީސް މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން ‘ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ’ ނަމުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ޤައުމަކަށްވެސް ކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މިއަދު ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތު ކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ހާލަތަށްކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ޤައުމަކުންވެސް ‘ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން’ (އެން.ޑީ.ސީ) އަށް އިންޤިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިޤްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްއިންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވަނީ ބޮޑެތި އިޤްތިޞާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.