English Edition
Dhivehi Edition

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު މަޝްވަރާކުރެވިފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ،

އިންޑިއާގެ “ދަ ހިންދޫ” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ އެކުލަވާލި އިރު، އޭގެ ބޮޑު ބައެއް ހިމެނެނީ ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުން ކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރިޔާސީ ސިފައެއްގައި ސަރުކާރު އެކުލަވާލެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާކަމަށެވެ.އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ވީހާވެސް ސުލްހަވެރިކަމާއެކު ހައްލެއް ގެނެވޭނެ ގޮތެއް ހޯއްދެވުމަށްވެސް ރައީސް ސޯލިހް ލަފާ ދެއްވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމާއި ގުޅިގެން އަދިވެސް މިފަދަ އެހެނިހެން ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ރައީސް ނަޝީދު އާއި ރައީސް ސޯލިހްގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާއިރު މީގެ ކުރިން ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހް އާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ،