English Edition
Dhivehi Edition
ތިނަދޫ ދެވަނަފަހަރަށް އާބާދުވިތާ 60 އަހަރު ކުލަގަދަކޮށް ފާހަގަކުރު

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ސިޓީއަށް ވަޑައިގެންފިއެވެ. މި ދެ ބޭފުޅުންނަށް ވެސް ތިނަދޫއިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ތިނަދޫ ސިޓީގެ މޭޔަރު ދެއްވި ދައުވަތެއް ގަބޫލުފުޅުކުރައްވައި ރައީސް ޔާމީން އެ ރަށަށް ވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް އެމަނިކުފާނު ވަޑައިގަތުމުން ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެ މަރުހަބާ ކިޔާފައެވެ. ހަމައެއާއެކު، މޭޔަރުގެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް ނަޝީދު ވެސް ވަނީ މި މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސިޓީއަށް ވަޑައިގެންފައެވެ.

ދެކުނުގެ ތިން އަތޮޅު ގުޅިގެން އުފެއްދި ސުވަދީބު ހަރަކާތް ކޮންޓްރޯލު ކުރުމަށްޓަކައި، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ތިނަދޫއިން މީހުން ބާލައި އެ ރަށް ފަޅުކޮށްލީ 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެ ރަށަށް އަލުން މީހުން އަރައި އާބާދުވާން ފަށާފައިވަނީ ހަތަރު އަހަރު ފަހުން، 1966 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.

މި މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ގިނަ ހަރަކާތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު، މިއީ ތިނަދޫގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ މުނާސަބަތެކެވެ.