English Edition
Dhivehi Edition

އެރޭ ސާޖިދަށް ސަލާމަތް ވެވޭވަރަށްވުރެން ޒިލްމާ ހުޝިޔާރެވެ. ޒިލްމާ ޖެހިމަޅީގައި އެހާފަސޭހައި ން ސާޖިދު ޖެހިދާނެ ކަމަކަށް އޭނާ ހިޔެއްވެސް ނުކުރެއެވެ. ޒިލްމާއާ އަވަސްގޮތަކަށް ކާވެނި ކުރުންނޫން އެހެންގޮތެއް މިހާރަކުސާޖިދަކަށް ނެތެވެ.

ރީމާގެ ބޮލުގެ ރިއްސުން ފެށުނީ އެ ދުވަހުގެ ފޯން ކޯލުގެ ފަހުންނެވެ.

ބޮލުގަ ރިއްސުން ކެއްނުވާ ހިސާބަށް ދިއުމުން ޓެކްސީއެއްގައި ދިޔައީ ގެއަށެވެ. އެނދުގައި އޮށޯވެވުނުކަން އެނގެއެވެ. ދެން ހޭލެވުނީ

އަނދިރި ހޮހޮޅަ އެއްކަހަލަ ފޮށްޓަކަށް ލެވިފައި ވަނިކޮށެވެ. މަޑުފެހިކުލައިގެ އައްޔެއްފިޔަވައި ހުރިހާ އައްޔެއް ފަނޑުވެފައިވެއެވެ. ރީމާގެ ހަޔާތުގެ ހުރިހާ ދޮރުތައް ވަނީ އެފަދައިން ބެދި ބަންދުވެފައެވެ. އޭނާގެ ވަށައިގެން ފެތުރިފައިމިވާ އަނދިރިކަމަކީ މިވަގުތު އޭނާގެ ހާލުހުރިގޮތެވެ. އެހެންނަމަވެސް .

މީހުން ބުނެ އުޅޭ ބަހެއް އޮވެއެވެ. ހަޔާތުގައި އެއްދޮރު ބަންދުވާނީ ހާސް ދޮރުހުޅުވުމަށް ފަހުގައެވެ. އެހެންނަމަވެސް އޭނާގެ ވަށައިގެން ހުޅުވިފައިވާ އެންމެ ދޮރެއްވެސް މިހާރަކު ނެތެވެ. އެންމެފަހުން ހުޅުވުނު ދޮރު ލެއްޕުނީ ސާޖިދުގެ ފޯންކޯލްގެ ފަހުންނެވެ.

އެދުވަހު ސާޖިދުފޯންކުރުމުން ފުރަތަމަ އޭނާއަށް ލިބުނީ އުފަލެކެވެ. ކަންތައް ދިމާވިގޮތް އޭނަޔަށް ހާމަކޮށްދިނުމުގެ ފުރުސަތު ލިބުނީތީއެވެ. ސާޖިދު އޭނާގެ ބަހަށް އިތުބާރު ކުރާނެއެވެ. ހުރިހާ ކަމެއްއޮޅުން ފިލުމުން އަލުން މިދެމެދުގައި ގެއްލިފައިވާ ގުޅުން އަބުރާލިބިދާނެތީއެވެ. ހިތަށް އަބަދު ހެރެމުންދާ ތޫނުކަށި އުފުރާލެވި ހިތަށް އަލުން ފިނިކަމެއް ލިބިގެން ހިގައިދާނެތީއެވެ.

ސާޖިދު އަނެއްކާވެސް ޔަގީންކުރުމަށްޓަކައި ހަލޯއޭގޮވާލުމަށް ފަހު ރީމާކަން އެނގުމުން އޭނާފުރަތަމަ ބުނިޖުމްލައިންވެސް ރީމާގެ ހުރިހާ އުންމީދުތަކުގައި ހުޅުރޯވެގެން ހިނގައްޖެއެވެ.

“އަހަރެންނާ ޒިލްމާއާ މިއުޅެނީ ކާވެނިކުރަން.” ސާޖިދުގެ އަޑުގައި އެއްވެސް ރަހުމެއްނެތެވެ.

” މިހާރު ކުއްވެރި ޒަމީރަށްވެސް ހަމަޖެހުމެއް ލިބިދާނެ ހެން ހީވޭ.”.

ރީމާއަކަށް އޭނާގެ ޒަމީރުކުށްވެރި އެއްނޫނެވެ. ނަސަންދުރާގައި އޮތް ޕާޓީގައި ސާޖިދާ އެހާކާރީގައި ޒިލްމާހުރި ސަބަބު މިހާރު މިވިސްނުނީއެވެ.

“އަހަރެންގެ ޒަމީރަށްވުރެން ކުށްވެރިކަމުގެ އުނދަގޫ އުފަލަން ޖެހެނީ ސާޖިދަށް ހެންހީވޭ.” ރީމާ ވެސް މިހެން ބުނެލީ ސާޖިދަށް ވެސް ނުތަނަވަސް ކަންދިނުމަށެވެ. ކަންކަމުގެ ހަގީގަތް ބަލާނުލާ ދެމީހުންގެ ދޭތެރޭގައި އުފެދިފައިވާ ސާފުސީދާ ލޯތްބެއް ގެއްލުވާލުމުގެ ކުށް އެއީ ސާޖިދުގެ ޒަމީރު އުފުލަން ޖެހޭނެ ޒިންމާއެކެވެ.

“އަހަރެންގެ ލޮލުން ހުރިހާ މަންޒަރެއް ނުފެނުނު ނަމަ އަދިވެސް އަހަރެން ހުރީހީ ރީމާގެ އޮޅުވާލުމުގެ ދަލުގައި ޖެހިފަ.” . ރީމާގެ ހިތުގައި އުފެދުނު ސުވާލުގެ ދިނީހެން ހީވެއެވެ. “އަންހެނުންނަކީ ބޭވާފާތެރި ބަޔެކޭ އަހަރެން ބުނީމާ އެކަމާ ކަލޭ ދެކޮޅުހެދީމު. މިހާރު އޭގެޖަވާބު ދީބަލަ!”

ރީމާއަށް އެޖަވާބު ދެވެންއޮތެވެ. އެހެންނަމަވެސް އެވާހަކަ ކިޔާދިނުމުގެ ބޭނުމެއް މިހާރަކު ރީމާއަކަށް ނެތެވެ.

“ޒިލްމާ އަކީ ވަފާތެރި އެއްކަމަށް ސާޖިދަށް ގަބޫލުކުރެވޭ ނޫންތަ؟”

“ހަމަޔަގީނުންވެސް ރީމާއަށްވުރެ ވަފާތެރިއެވެ”

“އުފާވެރި ކާވެންޏަށް މަރުހަބާ!”

ފޯނުބޭއްވީ ރީމާއެވެ

ރީމާ ހޮސްޕިޓަލަށް ގެނައީ އޭނާގެ މަންމައެވެ. އަދި ޑޮކްޓަރ ޒިޔާން ހޯދުމަށް ފަހު ރީމާ އޭނާ އާ ހަވާލު ކުރީއެވެ. ރީމާ އޮތީ ބޮލުގައި ރިއްސައިގެން ގޮސް ތަންދޮރު ނޭނގޭ ފަދަ ހާލެއްގައެވެ. ރީމާގެ މަންމަގެ ގާތު ޒިޔާން އޭނާގެ ޓެސްޓެއް ހަދަން ބޭނުން ކަމަށް ބުނި ވާހަކަ ބުންޏެވެ.

“މަ ގާތަކު ތިވާހަކައެއް ނުބުނޭ. ނިކަން ބޯ ހަރުވާނެ.

“މަންމަގެ މަސްއަލައެއް ނެތް ނަމަ މިހާރުވެސް ޓެސްޓް ހަދާލެވިދާނެ.” ޑޮކްޓަރ އެހެން ބުނީ ވަރަށް ގާތް ގޮތެއްގައެވެ. ރީމާގެ މަންމަގެ ހުއްދަ ލިބުމުން ވަގުތުން ޓެސްޓް ހެދުމުގެ ތައްޔާރީ ކުރެވިއްޖެއެވެ. ރީމާއަށް ރަނގަޅަށް ހޭލެވުނީ އެމްއާރއައި މެޝިނަށް އޭނާ ވައްދާ ދޮރު ލައްޕާލެވުނު ހިސާބުންނެވެ. .

“މާތްކަލާކޯ ! މި ރީތި އަންހެން ކުއްޖާއަށް އަހަރެން ކުރަންވީ ކީއް؟!” ޒިޔާން ފުންނޭވާއެއް ލުމަށްފަހު ސްކޭނަރުގެ ތެރެއިން ރިމާ ނެރެފިއެވެ. ޒިޔާންގެ ތޫނު ނޫ ލޮލުން ރިމާ އަށް ބަލަހަށްޓައިގެން އިން އިރު ރިމާއަށް އެކަން ތަރުޖަމާ ކުރެ ވުނީ އެއީ ލޯބި ކަމުގައެވެ. އެހެންނަމަވެސް އެއީ އޭނާ މި ވަގުތު ވިސްނަން ބޭނުން ކަމެއް ނޫނެވެ. ލޯބި އެ ލަފްޒަކީ ވެސް އޭނާގެ ވިސްނުމުން ފުހެލަން ބޭނުން ވެފައިވާ ލަފްޒެކެވެ. ސާޖިދެކޭ ޒިޔާން އެކޭ ހުންނާނީ ކޮން ތަފާތެއްހޭ އޭނާގެ ހިތަށް އެރިއެވެ. އެ ނަޒަރާ ދުރަށް ދިއުމަށް އޭނާ ލޯމަރާލިއެވެ.

ޒިލްމާގެ ލޯ ހުޅުވާލިއެވެ. އޭނާގެ ދެއްކުމުގެ ލޯބިން އޭރު ސާޖިދު ވަނީ ގައިދު ކޮށްލާފައެވެ. ސާޖިދު ހުންނަ ކޮންމެ ތަނެއްގައި އޭނާގެ ހިޔަންޏަކަށް ވެގެން ޒިލްމާ ހުރެއެވެ. ކުންފުނީގެ ކަންތަކުގައި އުޅޭ ވަރަށްވުރެން ސާޖިދުގެ ގޭގެ ކަންތަކުގައި ޒިލްމާ އުޅޭލެއް މާގިނައެވެ.. އޭނާ ދަނީ އޭނައާ ނުލާ ސާޖިދުގެ ދިރިއުޅުން ފުރިހަމަ ނުވާނެކަން ސާބިތު ކޮށް ދެމުންނެވެ.

ސާޖިދަށް ވެސް ޒިލްމާގެ ފަރާތުން މިލިބޭއެހީތަކަކީ މިވަގުތަށް ވަރަށް ބޭނުންތެރި އެހީތަކެކެވެ. އޭނާގެ ކުންފުނި މިހާބާރަށް ކުރިއަރަމުންދާ އެއްސަބަބަކީ ހުރިހާކަމެއްވެސް އަމިއްލަކަމެއް ގެ ގޮތުގައި ބަލަހަށްޓާދޭނެ ބައިވެރިޔަކުހުރީތީއެވެ. ހިތަށް ނުތަނަވަސް ކަމެމްލިބެން އަންނަކޮންމެ ފަހަރަކު ހިތްހަމަޖައްސައިދީ އުފާވެރިކަން ގެނަސް، ލޯބިދޭނެ މީހަކު ހުންނާތީއެވެ. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އެހީތެރި އަންހެނަކު ހުރެޔޭ މީހުން އެބުނާ ބަހަކީ ތެދެއްކަން މިހާރު ސާޖިދަށް ވެސް ގަބޫލު ކުރެވެން ފަށައިފިއެވެ.

ރީމާ ކަހަލަ ބޭވަފާތެރި އަންހެނަކު އޭނާގެ ހަޔާތަށް ނުގެނެވުނުކަން އެއީ މިހާރު އޭނާ އޭނާއުފާކުރަން ޖެހޭނެ ކަމެކެވެ. އަމުދުން ޒިލްމާގެ ފަރާތުން މިލިބޭވަރުގެ އެހީތެރިކަމެއް ރީމާގެ ފަރާތުން ލިބިދާނެ ކަމާމެދު މިހާރު ސާޖިދުގައި ހިތުގައި ޝައްކު އުފެދެއެވެ. ލޯތްބަކީ ހިތުގެ ފުންމިނުގައި ފޮރުވިގެންއޮވެ އަނދާ އަލިފާނެކެވެ. ހަޔާތަށް އެއިން ލިބެނީ އުދަނގުލެކެވެ. ފުރިހަމަ ލޯތްބަކީ ޒިލްމާ އެވާ ކަހަލަ އަމަލީ ލޯތްބެކެވެ. އެހެން އިބާރާތަކުންނަމަ އޭނާ ވާކަހަލަ ގުރުބާނީއެކެވެ.

ރިމާއާ އެދުވަހު ފޯނުން ވާހަކަ ދައްކާލެވުނީ ތީ ސާޖިދުގެ ހިތުގެ ބުރަދަންވަނީ ލުއި ވެފައެވެ. އަމުދުން ޒިލްމާއާ އޭނާކާވެނި ކުރަންހަމަ ޖެހުނުވާހަކަ ބުނެގެން ރީމާއަށް ސިހުން ދެވުނީ ީ ވެސް އޭނާވަނީ އުފާވެފައެވެ. އެކަހަލަ ބޭވަފާތެރި ންގެ ކިބައިން ބަދަލު ހިފާލެވުމުން ވެސް ހިތަށްފިނި ކަމެއް ލިބިއެވެ. ފޯނުން އެދުވަހު ކުރެވުނު ވަރު އަދިވެސް ދެރައީއެވެ. ސާޖިދު ބޭނުން ވާވަރަށް އަދިވެސް ރީމާ ދެރަކޮށް ނުލެވޭތީ އޭނާގެ ހިތުގައި އުފެދިފައިވާ ނަފްރަތުގެ އަލިފާން އަދިވެސް މުޅިއަކުން ނިއްވައެއް ނުލެވެއެވެ. އެކާވެނި އެހާއަވަސް ކުރަން ސާޖިދު ބޭނުން ވަނީ ވެސް އެހެންވެގެންނެވެ.

ޒިލްމާ އަށް ސާޖިދު ގޮވާލި ވަރަށް ވުރެން އަވަހަށް ޒިލްމާ އައިސް ސާޖިދުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

ހަމަ ޖައްސަން ވީނު.” ” މިއަންނަމަހު ބުރާސްފަތީގައި ކާވެނިކުރަން .

ޒިލްމާއަށް ލިބުނު އުފަލުން ބުނާނެ އެއްޗެއް ވެސް ނޭގި ހުއްޓުން އެރިއެވެ. އުފަލުގެ އިންތިހާއަކީ މިހާބޮޑު ޝޮކެއް މީހަކަށް ލިބިދާނެ ކަމެކެވެ.

ޒިލްމާއަށް ޖަވާބެއްނުދެވިގެން އުޅެނިކޮށް އޭނާ ކުއްލިއަކަށް ހޮޑުލަވައި ގަތެވެ. އަނގަ މަތީގައި އަތް އަޅައިގެން ދުވެފައި ފާޚާނާއާ ހަމައަށް ނުދެވެނީސް އަތްތިލައިގެ އިނގިލަތުގެ ތެރޭން ފުރޭނިގެން ހޮޑު ފައިބައިގެންފިއެވެ.

” ޒިލްމާ!”

ސާޖިދު ކަންބޮޑުވެފައި އެތަން ބަލަހައްޓައިގެން ހުއްޓެވެ.

ޗެޕްޓަރ 4

ގަރުނުގެ ފަހު ދުވަސްތަކަކީ ރީމާގެ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމުގައި ވެދާނެކަން އެނގުމުން ނުތަނަވަސްކަން ހިތަށްވެރިވީ ހަމައެކަނި ރީމާ އެއްނޫނެވެ. ރީމާގެ މަންމަގެ ރުއިން ހުއްޓާވެސް ނުލެވުނެވެ. މާމަ ވެސް ވަނީ މި ޚަބަރު ލިބިގެން އެދުވަހު މާލެ ގެނަސްފައެވެ. އެ ދައިތަވެސް ހަމަ ހިމޭން ކަމާއެކު މިހިތާމައިގައި ސިއްރު ސިއްރުން ބައި ވެރިވަމުންދިޔައެވެ.

ދުނިޔެއަކީ ދާއިމީ ތަނެއް ނޫންކަމަށް ހިތަށް އަރުވައިގެން ރީމާގެ ހިތް ހަމަޖައްސާލެވޭތޯ ވަރަށް ގިނަރައްޓެހިން މަސައްކަތްކުރިއެވެ. އެކަމަކު އެހާ ޒުވާން އުމުރުގައި ދުނިޔެދޫކޮށްލަން ޖެހޭކަން އެނގުމުން އެއީ އެކަކަށް ވެސް ކެއް ކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.

އޮޕަރޭޝަން ކުރަން ޖެހޭކަން ޔަގީންވުމުން ދެން ގޮތެއް ނިންމަން ޖެހެނީ އޮޕަރޭޝަން ކުރަންވީ ބޭރުންތޯ ނުވަތަ ޑޮކްޓަރ ޒިޔާން ލައްވާތޯއެވެ. އޭޑީކޭގެ ހުރިހާ ޑޮކްޓަރުންވެސް ލަފާ ދިނީ ޒިޔާން ލައްވާ އެ އޮޕަރޭޝަން ކުރުވުމަށެވެ. އެއީ ރާއްޖޭގައި ކުރެވޭ އެ ބާވަތުގެ ފުރަތަމަ އޮޕަރޭޝަނަށް ވެފައި ރާއްޖޭން އެ އޮޕަރޭޝަން ކުރެވޭނަމަ ސިންގަޕޯރއަށް ނުވަތަ ބޮމްބޭއަށް ދިއުމަށް ވުރެން ޚަރަދު ކުޑަވެފައި ފަސޭހަ ވާނެތީއެވެ. އެމީހުންނަށް ޑޮކްޓަރ ޒިޔާން އާ މެދު ޔަގީން ކަން އެބައޮތެވެ.

ރީމާއަކަށް އެ އޮޕަރޭޝަން އެއްވެސް ތަނަކުން ކުރުވުމަކަށް ގަބޫލެއް ނުވެވެއެވެ.

” އޮޕަރޭޝަން ނުކޮށް ރަނގަޅެއް ނުކުރެވޭނެތަ”، ރީމާ ވަރަށް ގާތް ގޮތަކަށް ޑޮކްޓަރ ޒިޔާން ކުރެން އަހާލިއެވެ. “އަހަރެން އަޑުއެހީ ޒިޔާންއަކީ ލަންޑަންގައި މި ރޮނގުން އެންމެ މަތީ ފާސް ލިބިފައިވާ ޑޮކްޓަރއެއް ކަމަށް.”

“ދުނިޔޭގެ އެއްވެސް ތަނެއްގައި ތިޔަކަމަށް ބޭހެއް ހުރިނަމަ އެ އެ އޮޕަރޭޝަނަށް ދާކަށް ހަމަ ގައިމުވެސް އަހަރެން އެއްބަހެއް ނުވާނަން” ޒިޔާން ފުން ނޭވާއެއް ލުމަށް ފަހު ބުންޏެވެ. ” އަދި އަމުދުން ތި ކުއްޖާގެ އޮޕަރޭޝަނެއް ކުރާކަށް ބޭނުމެއް ނޫން.” އޭނާގެ މޫނުމަތީގައި ވަނީ ސީރިއަސް ކަމެވެ.

“އެހެން ޑޮކްޓަރ އަކު އޮޕަރޭޝަން ނުކޮށް ރަނގަޅު ކުރެވިދާނެ ކަމަށް ބުނެފިއްޔާ؟” ރީމާ އުޅުނީ ޒިޔާންގެ ސީރިއަސްކަން ކުޑަކުރެވޭތޯއެވެ.

” ވަރަށް އުފާވާނެ” ޒިޔާން ޔަގީން ކަމާއެކު ބުންޏެވެ. “އެކަމަކު އެހެނެއް އެކަކަށްވެސް ނުބުނެވޭނެ.”

“އޮޕަރޭޝަނަކުން ރަނގަޅުވެދާނެ ކަމުގެ ކިތައް ޕަރސެންޓްތަ އޮތީ”

“50 % ގެ ޔަގީންކަމެއް ދެވިދާނެ”

” ފަހަރެއްގަ……. “

އޭރު ޒިޔާންގެ ލެޕްޓޮޕަށް މޭލްއެއް އައިކަމުގެ އެލާމެއް އަތުވެއްޖެއެވެ. އޭނާ އަވަހަށް އެމޭލް ކިޔާލުމަށްފަހު ޕްރިންޓް އައުޓެއް ނަގައިފިއެވެ.

“ރީމާ މިކަމާ ބެހޭ ގޮތުން ނިންމާ ގޮތެއް އެނގެން ބޭނުން.” ޒިޔާންގެ ނިންމުން އެއީ އެންމެ ފަހުގެ ނިންމުމެވެ. ” ރީމާ ބޭނުންނަމަ ބޭރަށް ދެވިދާނެ. އަހަރެންގެ މަސްއަލައެއް ނެތް. އެކަމަކު އެންމެ ދުވަހެއްވެސް ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫން.”

” މަންމަ ކުރެން އަހާފަ މިރޭ ޖަވާބެއް ދިނިއްޔާ ކީއް؟” ރީމާ އަހާލިއެވެ. ” އެކަމަކު ޒިޔާން ނިންމާ ގޮތަކާމެދު އަހަރެން ދެކޮޅެއް ނަހަދާނަން.”

ޑޮކްޓަރ ޒިޔާން އެ ލިއުން ހިފައިގެން އަވަސް އަވަހަށް އޭނާގެ ސްޓަޑީއަށް ހިނގައްޖެއެވެ.

ރީމާގެ މަންމަ ބޭނުންވީ ހަމަވަގުތުން ޒިޔާންލައްވާ އޮޕަރޭޝަންކުރުވުމަށެވެ. އެހެންނަމަވެސް ރައްޓެހިންނާއި ގާތްއެތައް ބައެއްގެ މަޝްވަރާއާއެކު އޭނާގޮވައިގެން ހަމަ އެރޭ އެމީހުން އިންޑިއާއަށް ހިނގައްޖެއެވެ. އަދި އެތާނގެ ޑޮކްޓަރުން އެތައް ޓެސްޓެއް ހެދުމަށްފަހު ދިނީ އޮޕަރޭޝަނަކުން ވެސް ގަދަ ވާނެ ކަމުގެ 25 ޕަރސެންޓެވެ..

ސިންގަޕޯރ އިންވެސް ދިނީ ހަމަ އެޖަވާބެވެ. އެނޫންޖަވާބެއް ދޭން އެއްވެސް ޑޮކްޓަރަކަށް ނޭގުނެވެ. ސިކުނޑީގެ ދެފަޅިބެދޭހިސާބުގައި ފުނައޮށެއްހާ ބޮޑަށް ފުއްޕާފައިހުރި ތަންކޮޅެއް އެމްއާރއައި ސްކޭންތަކުން ދައްކައެވެ. “މި ތަންކޮޅު ފަޅައިގެން ދާނީ ކޮން އިރަކު ކަމެއް ނޭނގެ” ސިންގަޕޯރގެ މައުންޓް އެލިޒަބަތުން ބެލި ސްޕެޝަލިސްޓް ޑޮކްޓަރ ބުންޏެވެ. “އެހެން ކަމުން އަހަރުމެންގެ ލަފަޔަކީ ވީހާ އަވަހަކަށް އޮޕަރޭޝަން ކުރުން” މިއީ ޑޮކްޓަރގެ ނިންމުން ކަން އެނގުމުން ރީމާގެ މަންމަ ބޭނުންވީ އެނބުރި މާލެ ދިއުމަށެވެ. އެއީ މިހާ ޔަގީން ކުޑަ އޮޕަރޭޝަނެއް އާއިލާއާއި ދުރުގައި ކުރުމަށް ވުރެން ކޮންމެ ނަތީޖާއެއް ނުކުތަސް ޒިޔާން ލައްވާ ކުރުވުން މާ ހިތްހަމަ ޖެހޭކަމަށް ފެންނާތީއެވެ. ރީމާ ވެސް ނިންމީ އެގޮތަށެވެ. އެއީ ޒިޔާން އަށް ވުރެން ބޮޑަށް އޭނާ އިތުބާރު ކުރާ އެއްވެސް މީހަކު މިހާރު ނެތީމައެވެ.

ދުވާލުގެ މަސައްކަތުގެ ވަރުބަލިކަން ފިލަނީ ޒިޔާންއާއެކުގައި ވަގުތު ހޭދަކުރާނެ ފުރުސަތު ލިބޭތީއެވެ. ފޫހިފިލަނީ ޒިޔާންގެ މަޖާވާހަކަތައް އަޑުއެހުމުންނެވެ. ސިކުޑިއަށް ހަމަޖެހުންލިބެނީ ޒިޔާންދޭޔަގީންކަމަކުންނެވެ. އިތުރުޔަގީންކަންލިބެނީ ޒިޔާންގެ ލައިބްރަރީގައިވާ ސިކުނޑި އާ ބެހޭފޮތްތަކަކުންނެވެ.

އޮޕަރޭަން ކުރާއިރު މިނާރުން ނައްޓާނުލާ މިހިސާބަށް ތިލައެއްވައްދާނީ ކިހިނެއްހެއްޔެވެ ? ސިކުނޑިއާބެހޭ ފޮތަކުން އޮޕްޓިކްނާރވް ދައްކާފައި ރީމާސުވާލުކުރިއެވެ.

އަހަރެންވެސް ކަންބޮޑުވަނީ ތިޔަކަމާއެެވެ. ޒިޔާން ވިސްނާލަމުންބުންޏެވެ.

ކަލޭގެ ލޮލުގެ ފެނުން ގެއްލުވާލާކަށް އަހަރެން ބޭނުމެއްނޫނެވެ. ކަލޭގެ ފުރާނަ އަހަރެންގެގާތު އަދި އެއަށްވުރެ އަގުބޮޑެވެ.

ޑޮކްޓަރ ޒިޔާންރީމާގެ ބޮލުގައި ހިފާފައި އޭނާގެ މޭގައި ލައްކޮށްލިއެެވެ.

“މިއަދު އިރުކޭތަބަލަން ދާން ވާނެއެއްނު.” ޒާހިދު ރިފްގާ ކުރެން އަހާލިއެވެ. “ދާކަށްނުކެރޭނެދޯ.”

“ކީއްވެ ނުކެރެންވީ ” ރިފްގާ އަހާލިއެވެ. “އަހަންނަށްވެސް ނެގެޓިވް ކޮޅެއްގެ ތެރޭންބެލިދާނެއެއްނު”

“ބަލިވެ އިންނައިރު ބަލާކަށްނުވާނެ.” ޒީނާ ބުނެލިއެވެ. “އަހަރެންގެ ކޮއްކޮ ވިހޭއިރު ކަންފަތްހުރީ ކެނޑިފައި، މަންމަބުނީ އެއީ އިރުކޭތަ ހިފާފައި ހުއްޓާ ބިލެއްގަޑެއް ކެފީމާ ވީގޮތެކޭ.”

“އެއީ ކަޓު ވާހަކައެއް” ޒާހިދުބުނެލިއެވެ. ” މިޒަމާނުގައި ތިހެންވާނަމަ ހާދަގިނަބަޔކު ތިބޭނެއޭ ކަންފަތާއި ނޭފަތް ބުރިވެފައި. އިރުކޭތަ ހިފާފަ ހުއްޓާ ޕިއްޒާއެއް ފޮތި ކޮށްފިއްޔާ ކުއްޖާގެ މޫނު އޮންނާނީ 9 ބަޔަށް ފޮތި ވެފައެއްނު؟”

” އޭ ޕިއްޒާ ފޮތިކުރީ މަށެއް ނޫން ރިފްޝާ އަވަހަށް ބުނެލިއެވެ.

“އެއީ ޒިލްމާކުރިކަމެއް. ތިކަން އެނގޭނަމަ ޒިލްމާވެސް އެކަމެއް ނުކުރީހެއްނު؟”

“އަހަރެން ތިޔަކަމާމެދު އެއްޗެއްނުބުނާނަން ” ޒީނާ ބޮލުން ނައްޓާލިއެވެ. “އަހަރެން ބުނެލަފާނަން.” ޒާހިދުބުންޏެވެ. “ޒިލްމާ ސާޖިދުއާއިންނަން އެހާ ވަރަށް އެ ތެޅެނީ ކީއްވެކަން ނޭނގެނީ ކާކަށް.”

“އެހެން ނޫނަސް ސާޖިދުވެސް ބަދުނާމުވާކަށް ބޭނުމެއްނުވާނެއެއްނު” ރިފްޝާ ބުންޏެވެ. “ދެމީހުންނަށްވެސް އެހުތުރުލިބޭނެއެއްނު”

” މަށަށް ޝައްކު އެއީ ސާޖިދުގެ ކަމެއް ކަމާ މެދުވެސް” . ޒާހިދުބުންޏެވެ

“އަހަންނަށް ޒިލްމާގެ ހަގީގަތްރަގަޅަށް އެނގޭ . އަހަރެންނަށް އެނގޭނެއެއްނު؟”

“މިޒާހިދަށް އިގޭނެ.” ސިނާޔާ އަނގަބޭނިއެވެ. “ފުރަތަމަ ޒިލްމާއާ ދިމާކުރި މީހަކީ ވެސް ޒާހިދެއްނު. އެކަން ނުވީމައެއްނު ޒިލްމާދެކެ ތިހާ ފޫއްސެއް ތިވަނީ”

“އަޗީ، މިހާރަކު ނޫޅެން “

” ކާޅުވެސް ބުނި މޭބިސްކަދުރަކީ ހުތް އެއްޗެކޭ”

“އަހަރެން ފޫހިވީ ހުސްނީގެ ކަންތައް އެނގުނީމަ. ފުރަތަމަ އެވާހަކަ އަހާލީމަ އެނގޭ ކަމަކަށް ވެސް ނުހެދި. އަހަރެން ފާރަލާން ފެށީ އެހާ ހިސާބުން. ” ޒާހިދު ހުރިހާ ވާހަކައެއް ކިޔާ ދޭން ފެށިއެވެ.

“މީގެ 2 މަހެއްހާ ދުވަސްކުރިން އެއްރެއަކު އަހަރެން އޮފީސް ލައްޕަން އައިވާހަކަ ބުނީމެއްނު. އެރޭ ކުޑަކޮށް ވިއްސާރަ، އަހަރެން ހިޔާވެލަން ދޮރާޓެއްގެ ދޮށުގައި ހުއްޓާ ޒިލްމާއައިސް ހުސްނީމެންގެގެޔަށްވަނީ. އަހަންނަށް އެނގޭ މިތާ މަތީބުރިން އެކޮޓަރި ފެންނާނެކަން”

“ދެން ޒާހިދު މިތަނަށް އައީދޯ.” ޒީނިޔާވަރަށް ގަޔާވެފައި އަހާލިއެވެ. “އެ ކޮޓަރި ބެލިދޯ “

” އަސްލު އަހަރެން އައީ ދޮރުލައްޕަން. އަހަރެންހިޔެއް ނުކުރަން އެހާރީއްޗަށް ފެންނާނެކަމަކަށް ” .ޒާހިދު ބުންޏެވެ.” އަދި އެހެންހުރެ އޭނާ އަތުވެއްޖ ކުޑަދޮރުކާރިއަށް ވެސް”

” ޒާހިދުފެނުނުތައޭނަޔަށް.” ރިފްޝާ އަހާލިއެވެ

“އަހަރެން އަވަހަށް ދޮރުލައްޕާލީ. އެތަން އޭނަޔަށް ވެސް ފެންނާނެ”

“ހިތަށް ކެތްނުވީދޯ. ” ޒީނިޔާ ދިމާކޮށްލިއެވެ. “އަހަރެން އެންމެ ދެރަވަނީ ސާޖިދުއެމަޅީގައި ޖެހުނީމަ.

“ދެން ކަލޭ ތިޔަ ވާހަކަ ސާޖިދަށް ކިޔާދޭންވީއެއްނު” ރިފްޝާ ބުނެލިއެވެ.

“އަހަރެން ބުނާބަހެއް ސާޖިދު ގަބޫލެއް ނުކުރާނެ ހީކުރާނީ އަހަރެން ދޭތެރެ ޖައްސަނީއޭ .” ޒާހިދު މޫނު ހަދާލިއެވެ. ” އެރޭ ދޮރު ލައްޕަން އައިކަމަށް ވީވެސް ޒިލްމާ. އެހެން ނޫނަސް ނޫޅެން ތި ވާހަކައެއް ދައްކާކަށް ވެސް.”

” އެހެނެއް ނޫން ވަނީ. މީނަހުންނަނީ ސާޖިދާ ޖޭވެފައޭ. ” ޒީނިޔާ ބުނެލިއެވެ. “އޭނާ ރުޅި އަންނާނެ ޒިލްމާއާ ހިތާވާހާ އެންމެންދެކެ.”

” ހޫން. އެއްކަލަ ދެމީހުން ޒުވާބުގަނޑުފެށުނީދޯ. ތިތާފޯންގެ އަތްގަޑު ހަމަޖައްސާލަބަލަ.” ސާޖިދު ދޮރު ހުޅުވާލާފައި މިހެން ބުނުމުން އެންމެން ހަމަ ހިމޭން ވެއްޖެއެވެ.

“މިހުރިހާވާހަކައެއް ސާޖިދަށް އަޑުއިވުނީކަންނޭންގެ.” ސާޖިދު އެތެރެއަށް ވަނީމާ ޒީނިޔާ ވަރަށް ބިރުންހުރެ އަހާލިއެވެ.

“ހެޔޮ އަޑުއިވުނަސް ” ޒާހިދު މިހެން ބުނެފައި އޮފީހުން ބޭރަށް އަވަހަށް އޮފީހުން ބޭރަށް ހިނގައްޖެއެވެ.

ސާޖިދުއާއި ޒިލްމާގެ ކާވެނި ކުރަންހަމަޖެހިފައި ވަނީ ގަރުނު ހުސްވުމުގެ ކުރީގައެވެ. އެއީ 1999 އަހަރުގެ އެންމެ ފަހުގެ ކާވެނި ކަމަށް ހެދުމަށް އޮތީ ރޭވިފައެވެ. ރީމާއަށް އެކަމުން ނޭގޭބާވަތެއްގެ އުނދަގޫތަކެއް ފޯރަމުންދާކަމަށް އޭނާވެސް ކިތަންމެ އިންކާރުކުރަންބޭނުން ކަމަށްވިޔަސް ގަބޫލުކުރަންޖެހެއެވެ.

މިހުރިހާ ކަމެއް މިހެން ނުހިނގާނެ ނަމައެވެ. ރީމާގ ހިތާހިތާ ބުނެލިއެވެ. އެއުފާވެރި ރިސޯރޓް ދަތުރުގެ ހަނދާން ތަކުގައި އޭނާ ލޯބީގެ ނިމުމުގެ ހާދިސާގެ އަނދިރިކަން އެކުލެވޭނެގޮތް މެދުވެރި ނުވިނަމައެވެ. އެދުވަހު ޑޮކްޓަރ ޒިޔާންއާ ދިމާނުވިނަމައެވެ. އޭނާގެ ބޮލުގެ ތެރޭގައި ފަސޭހަ ކުރެވޭނެ ކަމުގެ ޔަގީން ކަންނެތް ބައްޔެއް ނެތްނަމައެވެ.