ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިއުމަކީ ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އޮވެ އެ ޕާޓީން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ކަމެއް ކަމަށް މެމްބަރު މުހައްމަދު ރާއީ ތުހުމަތުކުރައްވައިފިއެވެ.
ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ ވީޑިއޯ އެއް އާންމުވުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ހެލްތު މިނިސްޓްރީއާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުނުވެ ރައްޔިތުން އުފުލަންޖެހޭ އުދަގޫތައް އިތުރުވުމުގެ ކަންބޮޑުވުންތައްވެސް ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އަށް އިޝާރަތްކުރައްވާ ރާއީ ވަނީ އަދާލަތު މަސައްކަތް ކުރަނީ ސަރުކާރުގައި އޮވެ އެޕާޓީގެ ވަރުހުރިކަން ދެއްކުމަށްކަމަށް ވިދާޅުވެފައެވެ. އަދާލަތު ޕާޓީ އާއި ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުން ރާއި ވަނީ އަދާލަތުން ބޭނުންވާ ގޮތަށް ކަންތައް ނުކުރެވޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއީ ވިދާޅުވީ މިހާރު ރާއްޖެ ގެނެވިފައިވާ އެމްބިއުލެންސް ތަކުގެ ތެރެއިން އެމްބިއުލެންސް ފޮނުވުމަށް ނިންމާފައިވާ ކަން ވަނީ، މަކުނުދޫގެ ހެލްތު ސެންޓަރަށްވެސް އަންގާފައިކަމަށެވެ. އަދި މިއީ އެ ރަށަށް މުޅިން އާ އެމްބިއުލާންސެއް ލިބޭ ފުރަތަމަ ފަހަރުކަން ރާއީ ވަނީ ފާހަގަކޮށްފައެވެ