English Edition
Dhivehi Edition
ފޮޓޯ: ހެލްތު މިނިސްޓްރީ އެފްބީ

ގއ. އަތޮޅު ހޮސްޕިޓަލުގެ އައު އޯޕީޑީ ހެދުމުގެ މަސައްކަތް ސަމާލު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން، އެ ކުންފުންޏާ މި މަސައްކަތް ހަވާކުރީ 4.4 މިލިޔަން ރުފިޔާއަށެވެ.

ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ އިތުރަށް ސަރުކާރުން މިހާރު ވަނީ އެ ހޮސްޕިޓަލްގެ އައު އޯޕީޑީއެއް ހެދުމަށް ސަމާލު ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ހޮސްޕިޓަލް ހުންނަނީ ގއ. އަތޮޅު ވިލިގިނލީގައެވެ. މި ހޮސްޕިޓަލުން އެރަށާއި އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގެ ރައްޔިތުން ވެސް ކޮންމެ ދުވަހަކު ވެސް އަންނަނީ ޚިދުމަތް ހޯދަމުންނެވެ.

އެހެންނަމަވެސް އެންމެބޮޑު މައްސަލައަކަށް ދިމާވެފައިވަނީ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ.

30 އެނދާއެކު ޚިދުމަތް ދެމުން އަންނަ އެ ހޮސްޕިޓަލަށް ޖާގައި އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ސަރުކާރުން ނިންމާފައިވަނީ އެރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ލެވެލް 2 ގެ ހޮސްޕިޓަލަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އަންހެނުންގެ ބަލިތަކަށް ފަރުވާ ދިނުމާއި، ލޮލުގެ ބަލިތަކަށް ފަރުވާދިނުމާއި، ރޭޑިއޮލޮޖީ ޚިދުމަތްފަދަ ޚިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ.

ހެލްތް މިނިސްޓްރީން މިއަދު ވަނީ ގއ. އަތޮޅު ހޮސްޕިޓަލްގެ އައު އޯޕީޑީ ޢިމާރާތްކުރުމުގެ މަސައްކަތުގެ އިތުރަށް، ށ. ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ ހަވާލުކުރައްވާފައެވެ.

އެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 7 ލައްކައަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.