English Edition
Dhivehi Edition
މީދޫގައި ހަދާފައިވާ ދޮޅިދާންގެއަށް ގެއްލުން ދިނުން ފޮޓޯ:އޭއޯ ނިއުސް

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި އަމިއްލަ ފަރާތަކުން ބިނާކުރި ‘ދޮޅިދާންގެ’އަށް ގެއްލުންދީފިއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދިން ފަރާތުން ބުނީ އެ ގެއަށް ގެއްލުންދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި ގޮތުން ދޮޅިދާންގޭގެ ފާރުގެ އިތުރުން އެތަނުގެ ދޮރުގައިވެސް ކަޅުކުލައިން ލިޔެފައިވާއިރު އެ ތަނުގެ ނަން ބޯޑުވެސް ނަގާފައިވާކަމަށް އެ ފަރާތުން ބުންޏެވެ.

ސ.މީދޫ، ދީނާރު، ނަޞީރު ބިނާކޮށްފައިވާ މި ތަނުގެ ތަޅުދަނޑި މީދޫ ކައުންސިލަރު އާމިނަތު ސާލިހާ އާއި ހަވާލުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މީދޫ އަވަށު އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އަވަށުގެ ތަރައްގީއަށް ނުވަތަ އިޖުތިމާޢީ ބޭނުމަށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮންނާނެކަމާއި، މިތަން ބިނާކުރެއްވި ފަރާތުގެ މަސައްކަތް ބަލައިގަނެ ހައްގު ޝުކުރު ދަންނަވާކަމަށެވެ.

މީދޫގައި ބިނާކުރި މައްޔިތާ ވަޅުލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ތަރުތީބުކޮށް ބެހެއްޓޭގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މިތަނުގެ ނަމާއި ގުޅިގެން މީދޫ ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު ބައެއް ފަރާތްތަކުން ވަނީ މި ތަނަށް ‘ދޮޅިދާންގެ’ ނުކިޔޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ފާޑުކިޔާފައެވެ.