އައްޑޫސިޓީގެ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަށް ބަޔަކު ގެއްލުން ދީފިއެވެ.
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގަބުރުސްތާނު އަދި ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ އައްޑޫ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފައިވަނީ އިއްޔެ ގެ ހުކުރުވަގުތުގައެވެ.
ކޯގަންނުގެ މަހާނަތަކަށް ދީފައިވާ ގެއްލުން ކުށްވެރިކުރައްވަވާ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ކުށެއް ކަމަށާއި އަދި އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް ކަމަށެވެ.
“މި ފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަ ކަންކަން. ރަށަށާއި އަތޮޅަށާއި ޤައުމަށް ވެސް ލިބޭ ބޮޑު ގެެއްލުމެއް. މިހާރު މިއީ ޤާނޫނީ ކުށެއް. މި މައްސަލަ މިހާރު ހެރިޓޭޖުނާއި ބަލަމުން ދަނީ އަދި އައްޑޫސިޓީ ކައުންސިލާ މަޝްވަރާ އެބަކުރެވޭ” ޔުމްނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކޯގަންނަށް ގެއްލުން ދިން މީހަކު އެކަމެއް ކޮށްފައިވަނީ ސެކިއުރިޓީ ބަލަހައްޓާ މީހާ ހުކުރަށް ދިޔަ ވަގުތު ގައެވެ.
މީގެ ކުރިން ވެސް ތަފާތު ގިނަ ފަހަރުމަތިން ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފައިވާއިރު އޭރު ހަލާކު ކޮށްފައިވާތަންތަން މިހާރު ވަނީ މަރާމާތުކޮށްފައެވެ.
ކޯގަންނު ގަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ވެސް ހިމެނޭ ތަނެކެވެ. އެއީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތެކެވެ.
ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން، ތަރިކަ އަށް ގެއްލުން ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ. އެއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ އާއި ޖިނާއީ ދައުވާ ވެސް އަންނަ ކުށެކެވެ.