English Edition
Dhivehi Edition
ފޮޓޯ: މީދޫ އަވަށު އޮފީސް

ފަލަސްތީނުގެ ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިޔަ ފަންޑަރައިޒް ހަރަކާތުން 34،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މި ހަރަކާތް އިންތިޒާމުކުރި ފަރާތުން ބުނެފިއެވެ.

އައްޑޫ ސިޓީ މީދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތަކީ މިދޫ އަވަށު އޮފީހާ، މުލިމަތި ޖަމިއްޔާ އަދި އައިއޭސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި އައްޑޫ ސިޓީގައި ހިންގާ ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެފައިވާއިރު އިއްޔެ ކުރިއަށް ދިޔަ ހަރަކާތުގައި ކާބޯތަކެތި ވިއްކައިގެން 9،254 ރުފިޔާ ލިބިފައިވެއެވެ. އަދި މީދޫ ހުކުރު މިސްކިތްތަކުގައި ބެހެއްޓި ފަންޑު ފޮށިތަކުން 22،019 ރުފިޔާ ލިބިފައިވާ އިރު ޓީޝާޓް ވިއްކައިގެން 3،600 ރުފިޔާ ވަނީ ލިބިފައެވެ.

އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުން ބުނީ މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ކަމަށެވެ.

މި ހަރަކާތުގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ނޮވެމްބަރު 3 ވަނަ ދުވަހުވެސް ފަންޑްރައިޒް އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލު ހުއްޓުވުމަށް ގޮވާލާ އެއްވުންތައް އަންނަނީ ބާއްވަމުންނެވެ.