English Edition
Dhivehi Edition
ރައީސް އއ. އުކުޅަހަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އއ. އުކުޅަހުގެ ތަރައްޤީއަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުން ހުށަހެޅުއްވި ކަން ކަން ވިސްނުމުގައި ބަހައްޓަވައިގެން ކަންކަން ކުރިޔަށްގެންދާވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި މަޝްވާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އުކުޅަހު ކައުންސިލުން ރަށުގެ ތަރައްޤީއަށް ބޭނުންވާކަމަށް ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަނގަޅު ފެރީ ޓަރމިނަލެއް ބޭނުންވާކަމަށާއި، މިކަންކަން ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުކުޅަހު މަގުހެދުމުގެ މަޝްރޫޢު އަަދި މި އަހަރުގެ ބަޖެޓުގައި ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމަނައިގެން ކުރިޔަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ އެ ރަށުގެ ރައްޔިތުން ވަނީ ސްކޫލްގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތަކާއި، ކުޅިވަރު އިންފްރާސްޓްރަކްޗަރތަކުގެ މަޢުލޫމާތު ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫޢާ ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުމާ ގުޅިގެން ކެބިނެޓް ބައެއް މިނިސްޓަރުންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ބައްދަލުވުމުގައި މަޝްވަރާކުރައްވާ ޖަވާބުދާރީވެވަޑައިގެންފައެވެ.

އުކުޅަހުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އެ ބޭފުޅުން ހުށަހެޅުއްވި މައިގަނޑު ކަންކަމުގެ ތެރޭގައި ޔުޓިލިޓީޒް އަށް ނަގާ ޓެރިފް ބޮޑުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާއި ވިޔަފާރިތައް ހިންގުމަށް ނަގާ ލޯނުގެ އިންޓްރެސްޓާ ގުޅޭގޮތުންހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވެއެވެ. މީގެ އިތުރުން ވެސް ބިޒްނަސް ކޮމިއުނިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލްއެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.