ފޭދޫ މީހުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓަކީ އެ ރަށުގައި ސްކޫލެއް އިމާރާތްކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މީގެ 50 އެއްހާ އަހަރު ކުރިން ކުދިންނަށް ކިޔަވައި ދޭން އައްޑޫ މީޙުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ މިއަދު ފެންނަމުން ދާކަމަށެވެ. 1980 ގެ އަހަރުތަކުން ފެށިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ކިޔަވައިދެމުން އައީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހިނގި މަދަރުސާތަކުގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފޭދޫ ސްކޫލަކީ ވެސް އެގޮތަށް ހިންގި ތަނެއް ކަމަށެވެ.
ފޭދޫ ސްކޫލަށް 50 އަހަރު ފުރުނުއިރު އެ ސްކޫލު ދިގު މުއްދަތަކަށް ހިންގާފައި ވަނީ ރަށުގެ މީހުންގެ ބެލެނިވެރިކަމުގެ ދަށުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ބެލުމުގެ ދަށަށް އެ ސްކޫލު ގެނެސްފައި ވަނީ ވެސް ފޭދޫ މީހުންގެ މަދަރުސާއެއްގެ ގޮތުގައި ހިންގާތާ 20 އަހަރު ފަހުންކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ފޭދޫ ސްކޫލަކީ 1992 ވަނަ އަހަރާއި ހަމައަށް އެ ރަށު ރައްޔިތުންގެ މިންނެތް މަސައްކަތުން ހިންގި މަދަރުސާއެއް ކަމަށާއި އޭރު ދަރިންނަށް ކިޔަވައިދިނުމަށް ރައްޔިތުން އޮހޮރި ދަލާއި އުފުލި ބުރައިގެ ނަތީޖާ މިއަދު މުޅި އައްޑޫ އަށް ވެސް ލިބެމުންދާކަމަށެވެ.
ފޭދޫ ސްކޫލުގެ ތާރީހަށް އަލިއަޅުއްވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު އެ ސްކޫލަށް ރަސްމީކޮށް 50 އަހަރު ފުރިފައި ވިޔަސް އެއީ އިނގިރޭސި ސިފައިން ގަމުގައި އުޅުމުގެ ކުރިން ވެސް ހިންގި މަދަރަސާއެއް ކަމަށެވެ. އަދި އެ ތާރީހުން މުއްދަތު ގުނާއިރު ފޭދޫ ސްކޫލަށް 60 އަހަރު މިހާރު ވެފައިކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ފޭދޫ ރައްޔިތުން ސްކޫލެއް ހިންގުމަށް އެހާ ބޮޑު ސަމާލުކަމެއް ދިނީ އެ ރަށުގައި ތައުލީމީ ދަރިންތަކެއް އުފައްދައި ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކަމަށެވެ.