މި ސަރުކާރުގެ ފަސް ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެ ކަމުގެ ހިތްހަމަޖެހުން އެބަ އޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ފަސް ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ މަނިކުފާނުގެ ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ އްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތަކުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ދުވެލީގައި ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ،
މި ގޮތުން ކުރިއަށްދާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރިއަށް ދާކަމަށެވެ. ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. ދަތުރުފަތުރު ކުރުމަށް އޮތް ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަތުރުފަތުރުގެ ވިއުގައިން މުޅި ރާއްޖެ ގުޅައިލުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށާއި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.