English Edition
Dhivehi Edition

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރާލުމަށްފަހު ފެންވަޅެއްގެ ތެރެއަށް ވައްޓާލާފައިވަނީ ދެ ފައި ބަނުމަށްފަހު ގޯންޏަކަށް ލާފައިކަމަށް އެ ރަށު ކައުންސިލް މެންބަރަކު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބަލަން އިނދެފައި ގެއިން ބޭރަށް ދިޔުމަށް ފަހު އަނބުރާ ގެޔަށް ގޮސްފައި ނުވާތީ ގެއްލިގެން، ހޯދަމުންދަނިކޮށް މަރާލާފައި އޮއްވާ ފެނިފައިވަނީ އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރުއެވެ، އޭނާއަކީ އެ ރަށުގައި ހޮޓަލަކާއި ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅޭ ވިޔަފާރިވެރިއެކެވެ.

ރަށުގެ ކުދިބޮޑު އެންމެންނާއިވެސް ވަރަށް ގުޅިގެން އުޅުނު މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު، އޭނަގެ މަރާއި ގުޅިގެން ރަށު ރައްޔިތުން ދެ މީހަކަށް ތުހުމަތުކޮށް، އެ ދެމީހުންވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ،

މި މައްސަލައާއި ގުޅިގެން ފުލުހުން އަދި މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ވަނީ ދަނގެތީގައި ގޯންޏަކަށް ލައި އެއްލައިލާފައި އޮތް މީހަކު ފެނިފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެފައެވެ،