އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް, މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވީން ގެ ތަރުޖަމާނު ބަދަލުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.
ޝަރީއަތުގެ މަޖިލީހުގައި މާވިންއަށް ކޮށްފައިވާ ދަޢުވާ ސާފުވުމުގައި ހުރަސްތަކެއް ހުރުމުން ތަރުޖަމާނު ބަދަލުކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައެވެ،
މި އަޑުއެހުމުގައި މިއަދު ކުރިއަށް ދިޔައީ ދައުލަތުން ދައުވާ އިއްވައި އެ ދަޢުވާއަށް ދިފާއުން ޖަވާބުދާރީވުމެވެ. ނަމަވެސް ދިފާއުން ވަނީ، ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ލިޔެކިޔުމެއް ފޯރުކޮށްދީ ނިމުމުން ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފައެވެ. އެކަމަށް ދައުލަތުން އިއުތިރާޒް ކުރައްވާފައިވާއިރު، ދައުލަތުގެ ވަކީލު ވިދާޅުވީ މި މަރުހަލާގައި ހުރިހާ ލިޔެކިޔުމެއް ލިބިފައި ނެތް ނަމަވެސް ދަޢުވާއަށް ޖަވާބުދާރީ ވުމަށް ހުރަހެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
މާވިން އަކީ ފިލިޕީންސްގެ ރައްޔިތަކަށް ވުމުން އޭނާއަށް ރަނގަޅަށް ދިވެހި ބަސް ނޭގޭތީ ޝަރީއަތް ކުރިއަށް ގެންދަނީ ތަރުޖަމާނެއްގެ އެހީގައި ޝަރީއަތުގައި ދައްކާ ވާހަކަތައް އިނގިރޭސި ބަހުން ކިޔައިދެމުންނެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި ތަރުޖަމާނު، ތަރުޖަމާ ކޮށްދީ ނިމުމުން ކޮންމެ ފަހަރަކު ވެސް މާވިން، އެ ވާހަކަތައް ސާފުވެއްޖެކަމަށް ބުނި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މާވިންއަށް ސާފުވާ ކަމާމެދު ދިފާއީ ވަކީލް އިސްމާޢީލް މުޙައްމަދު ވަނީ ސުވާލު އުފައްދާފައެވެ. އަދި ދިފާއީ ވަކީލްގެ އެދިލެއްވުމަށް ޝަރީއަތުން އެކަން ކަށަވަރުކުރުމަށް ދައުލަތުން އިއްވި ދައުވާއިން ސާފުވީ ކޮންކަމެއްކަން ކިޔައިދިނުމަށް މާވިންއަށް ފުރުސަތު ދިނެވެ. އަދި މާވިންއަށް ސާފުވި ކަންކަން އޭނާ ކިޔައިދިނުމުން ދައުލަތުގެ ވަކީލް ވިދާޅުވީ, އިއްވި ދައުވާއާއި އޭނާއަށް ފަހުމްވި އެއްޗަކާ ތަފާތުތަކެއް ހުރިކަމަށެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ގާޒީ ޙުސައިން ފާއިޒް ރަޝާދު ވިދާޅުވީ ތަރުޖަމާ ކުރުމުގެ އިތުރުން އަޑުދިއުމުގައި ވެސް މައްސަލަތެއް ހުރިކަމަށާއި އެހެންކަމުން ދައުވާ ހުށަހެޅުން އެހެން ދުވަހަކަށް ފަސްކުރަން ނިންމާފައެވެ.އަދި އޮންލައިންގެ ބަދަލުގައި ދެން އޮންނަ އަޑުއެހުމެއް ކުރިއަށް ގެންދާނީ ކްރިމިނަލް ކޯޓަށް ހުރިހާ ފަރާތްތަކެއް ހާޒިރުކޮށްގެން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.